






ނޮވެމްބަރު 3 އަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަހެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ހުރިހާ ދިވެހި ރައްޔިތުންނަށް ހެޔޮ އެދުންތައް ދަންނަވާ، ދިވެހި ރާއްޖެ ފުރިހަމަ މިނިވަން މުސްލިމް ޤައުމެއްގެ ގޮތުގައި އަބަދަށްޓަކައި ލަހައްޓަވައިދެއްވުމަށް ދުޢާކުރައްވާ ވިދާޅުވީ ނޮވެމްބަރު 3 އަކީ ދިވެހި ރައްޔިތުންގެ ޤައުމީ ލޯތްބާއި ޤައުމީ ޝުޢޫރުތައް އުތުރި އަރާ ދުވަހެއް ކަމަށެވެ. އަދި މިއީ ދިވެހިންގެ ހިތްވަރާއި ފަންވަރު އެންމެ ފުރިހަމަ ގޮތުގައި ވިދާ ބަބުޅާ ދުވަހެއް ކަމަށެވެ.
މީގެއިތުރުން ދިވެހި ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމާއި ސިޔާދަތަށް ދިވެހިން ލޯބިކުރާ މިންވަރު ސާބިތު ވެގެންދާ ދުވަހެއް ކަމަށާއި އެއީ މީގެ 38 އަހަރު ކުރިން ލޮބުވެތި ދިވެހި ރައްޔިތުން މުޅިދުނިޔެއަށް ސާބިތު ކޮށް ދެއްވާފައިވާ ޙަޤީޤަތްތަކެއްކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
1988ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ ޢުދުވާނީ ހަމަލާ މާލެއަށް ދިން އިރު، ދިވެހި ރާއްޖޭގެ ރައީސްގެ މަގާމުގައި ހުންނެވީ ރައީސް މައުމޫނެވެ. އެ ހަމަލާ ދިނީ ސްރީލަންކާގެ ތަމިޅު ބަޣާވާތްތެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ތަމިޅު އީލަމް (ޕްލޯޓް) ގެ ހަތިޔާރު އުފުލާފައިވާ ކުލީގެ ސިފައިންނެވެ. އެ ހަމަލާގެ ފަހަތުގައި ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ ޢަބްދުއްލާ ލުތުފީ ހިމެނެއެވެ.
ހަމަލާ ދިނުމާއެކު، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެންއެސްއެސް) ގެ ހެޑްކުއާޓަރާއި ރޭޑިއޯ އަދި ޓީވީ ސްޓޭޝަން ހިފުމަށް ކުލީގެ ސިފައިން މަސައްކަތްކުރިއެވެ. ރައީސް މައުމޫން އެހީއަށް އެދިވަޑައިގަތުމުން، "އޮޕަރޭޝަން ކެކްޓަސް" ގެ ނަމުގައި އިންޑިއާއިން ސިފައިން ފޮނުވިއެވެ. އިންޑިއާގެ ސިފައިން ހުޅުލެއަށް އައީ ނޮވެމްބަރު3ގެ ރޭގަނޑެވެ. ކުލީގެ ސިފައިން ފިލަމުން ދިޔައީ "ޕްރޮގްރެސް ލައިޓް" ނަމަކަށް ކިޔާ އުޅަނދެއްގައި ރަހީނުން ގެންގޮސްގެންނެވެ.
އެ ޢުދުވާނީ ހަމަލާގައި19ދިވެހިން ޝަހީދުވިއެވެ. އޭގެ ތެރޭގައި އެންއެސްއެސްގެ އަށް ސިފައިން ހިމެނެއެވެ. އެ ހާދިސާގެ ހަނދާނުގައި ކޮންމެ އަހަރަކު ނޮވެމްބަރު3ފާހަގަކުރަނީ ނަޞްރުގެ ދުވަހުގެ ގޮތުގައެވެ. ރައީސް މައުމޫން،1978ވަނަ އަހަރުން ފެށިގެން2008ވަނަ އަހަރާ ހަމައަށް30އަހަރު ވަނީ ދިވެހި ރާއްޖޭގެ ރައީސްކަމުގައި ހުންނަވާފައެވެ.






