


.jpg?w=3840&q=75)





ބައިނަލްއަޤުވާމީ އެވޯޑެއް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރަށް ލިބިވަޑައިގެންފިއެވެ.
އަދީބަށް ލިބިވަޑައިގެންނެވީ ހިންގުންތެރިކަމުގެ ދާއިރާއިން2026 ވަނަ އަހަރުގެ ގްލޯބަލް ރެކޮގްނިޝަން އެވޯޑެވެ.
ގްލޯބަލް ރެކޮގްނިޝަން އެވޯޑްސްގެ ތަރުޖަމާނު އެލެކްސް ސްޓާލިން ބުނެފައިވަނީ އަހުމަދު އަދީބުގެ ސީނިއަރ ޕަބްލިކް ރޯލްތަކާއި، އިންފްރާސްޓްރަކްޗަރ އަދި ޓޫރިޒަމާ ގުޅޭ ސަރުކާރުތަކުގެ ދެމެދުގެ އެއްބަސްވުންތަކާއި، ތަފާތު ދާއިރާތަކުގައި މެނޭޖްމަންޓް ތަޖުރިބާ ވެސް ހިމެނޭ ރެކޯޑަކީ 2026 ގެ ގްލޯބަލް ރެކޮގްނިޝަން އެވޯޑު ހޯދައިދިން ލީޑަޝިޕް ކަމަށެވެ. އަދި މި އެވޯޑު ބިނާވެފައިވަނީ ނޮމިނޭޝަން ލިޔެކިޔުންތަކުގައި ހުރި ރެކޯޑުގެ މައްޗަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ ލިޔެކިޔުންތަކުން ސާބިތުނުވާ ނަތީޖާތައް އެވޯޑުގެ ތެރޭގައި ނުހިމެނޭ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެފައި ވެއެވެ.
ދައުލަތުގެ އިސް މަގާމުތަކާއި ވިޔަފާރީގެ ދާއިރާގައި އަދީބު އަދާކޮށްފައިވާ ދައުރުތައް ބެލުމަށް ފަހު، އެވޯޑު ދިނުމުގެ ކުރިން ތަޖުރިބާކާރުންގެ ޕެނަލަކުން ނޮމިނޭޝަންތައް ސްކްރީންކޮށް، އީޖާދީ ވިސްނުން، ލީޑަޝިޕް، ޚިދުމަތް، ދެމެހެއްޓެނިވި ތަރައްޤީ، އަދި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތަކުން ވަޒަންކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތައް އެކެއް (އެންމެ ދަށް) އިން ފެށިގެން ފަހެއް (ދުނިޔޭގެ ފެންވަރު) އާ ދެމެދުގެ ސްކޭލަކުން ގްރޭޑުކުރާ ކަމަށާއި ތަސައްވުރާއި ސްޓްރެޓެޖީ ތަންފީޒުކުރުން، އެހެން މީހުންނަށް ހިތްވަރު ދިނުން، ނަޒާހަތްތެރިކަން، އަދި އީޖާދީ ވިސްނުން ކުރިއެރުވުން ފަދަ ބައިތަކުން އެންމެ މަތީ ދަރަޖަ ކަމުގައިވާ ފަހެއް އަދީބަށް ދީފައި ކަމަށް ވެސް ބުނެއެވެ.
އަދީބަކީ 2012 ވަނަ އަހަރުން2015 ވަނަ އަހަރުގެ ޖުލައިގެ ނިޔަލަށް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާ، 2015ވަނަ އަހަރުގެ ޖުލައިން ނޮވެމްބަރާ ދެމެދު ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި ކެބިނެޓުގެ އިޤްތިޞާދީ އަދި ޒުވާނުންގެ ކައުންސިލުގެ ކޯ ޗެއާ އަދި ސްޕެޝަލް އިކޮނޮމިކް ޒޯންސް ބޯޑުގެ ޗެއާގެ މަގާމު ވެސް އަދާކުރައްވާފައިވާއިރު، ސަރުކާރަށް ވަޑައިގަތުމުގެ ކުރިން2010 އިން2012 އަށް މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ރައީސްކަން ވެސް ކުރެއްވިއެވެ.
މީގެއިތުރުން 2008 އިން2010 އަށް މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓްގެ ޗީފް އޮޕަރޭޓިން އޮފިސަރުކަން ކުރައްވާފައުވާއިރު، 2007 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ސްޓެފަޑްޝަޔާއިން ބެޗެލަރސް ޑިގްރީ ހާސިލްކުރައްވައި،2010 ވަނަ އަހަރު އީޑިތު ކޯވަން ޔުނިވަރސިޓީއިން އެމްބީއޭ ނިންމަވާފައިވެއެވެ.



.jpg?w=3840&q=75)
