

.jpg?w=3840&q=75)




.jpg?w=3840&q=75)
ޤައުމެއްގެ އިޤްތިޞާދީ ދުވެއްޔާއި، ރައްޔިތުންގެ އިޖުތިމާޢީ ދުޅަހެޔޮކަމާއި، ޤައުމީ ތަރައްޤީގެ މިސްރާބު ކަނޑައަޅައިދޭ އެންމެ މުހިންމު ވަސީލަތަކީ ދައުލަތުގެ އަހަރީ ބަޖެޓެވެ. އެގޮތުން، 2027 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ދައުލަތުގެ ބަޖެޓަކީ ދިވެހި ޤައުމާއި ރައްޔިތުންގެ މާދަމާގެ ހަމަޖެހުމާއި، ރައްކާތެރިކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކޮށްދޭނެ މުހިންމު ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 59.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިއީ ހިނގަމުންދާ އަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާ މަދު، ޚަރަދުތައް ކުޑަކުރުމަށް އަމާޒުހިފާފައިވާ ބަޖެޓެކެވެ. މި ބަޖެޓުގައި ޚަރަދުގެ ގޮތުގައި 52.6 ބިލިޔަން ރުފިޔާ ހިނގާނެކަމަށް ލަފާކޮށްފައިވާއިރު، އޭގެ ބޮޑުބައެއް ހިއްސާކުރަނީ ރިކަރަންޓު ޚަރަދުގެ ގޮތުގައި ކަނޑައެޅިފައިވާ 42.7 ބިލިޔަން ރުފިޔާއެވެ. މީގެއިތުރުން، ޤައުމުގެ އުމްރާނީ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، ޕީއެސްއައިޕީ (ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް) އަށް 8.2 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
މި ބަޖެޓު މަޖިލީހަށް ރަސްމީކޮށް ހުށަހަޅުއްވައިދެއްވީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރެވެ. ވަޒީރުގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީއަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ހަމައެއާއެކު، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، ބަޖެޓުގެ އަސްލު މަޤްޞަދު ނުގެއްލޭނެހެން އަދި ބަދަލެއް ނުގެނެސް ބަޖެޓު ފާސްކޮށްދެއްވުމަށް މަޖިލީހުގެ މެންބަރުންގެ ކިބައިން ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ބަޖެޓު ހުށަހެޅުމަށް ބޭއްވި ޖަލްސާ ނިންމަވާލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މިއީ ދިވެހިންގެ މާދަމާގެ އަމާންކަމާއި ތަރައްޤީ ޔަޤީންކޮށްދޭނެ ބަޖެޓެއްކަން ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ "ދިވެހިންގެ ރާއްޖެ" ބިނާކުރުމުގެ މަތިވެރި ތަޞައްވުރާއި ސިޔާސަތުތައް މި ބަޖެޓުން ފުރިހަމައަށް ފެނިގެންދާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ނިޒާމުގެ ތެރެއިން ބަޖެޓުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތް ހާމަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާނީ މާލިއްޔަތު ކޮމިޓީ އާއި އިޤްތިޞާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަކުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ބަޖެޓު ދިރާސާކޮށްދެއްވުމަށް އެދިވަޑައިގަންނަވަމުން، ބަޖެޓު ހުށަހަޅާ ދުވަހުން ފެށިގެން ޤަވާއިދުގައިވާ 7 ދުވަހުގެ މުއްދަތު ދިނުމަށްފަހު، ތަޅުމުގައި ބަޖެޓުގެ ބަހުސް އެޖެންޑާކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ބަޖެޓަކީ ދައުލަތުގެ ޚަރަދުތައް ހަމަހަމަ މިންގަނޑެއްގައި ހިފަހައްޓައި، އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ މުހިންމު ޕްލޭނެކެވެ. ދިވެހި ޤައުމުގެ މިސްރާބު އުޖާލާ މުސްތަޤްބަލަކަށް ގެންގޮސްދިނުމުގައި މި ބަޖެޓު ވެގެންދާނީ ފާގަތި މާދަމާއަކަށް އެޅޭ ވަރުގަދަ ބިންގަލަކަށެވެ.


.jpg?w=3840&q=75)

