




%20(1).jpeg?w=3840&q=75)



ރަސްމާލޭގައި ތަރައްޤީކުރާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫއުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްކޮށްދޭނެ ކަމުގައި މޯލްޑިވްސް ބިޒްނަސް ޗެމްބަރ (އެމްބީސީ) އިން ބުނެފިއެވެ.
އެ މަޝްރޫޢަށް ފުރިހަމައަށް ތާޢީދުކުރާކަން ހާމަކޮށް އެ ޖަމްއިއްޔާ އިން ނެރުނު ބަޔާނުގައި ބުނީ އެ އިންވެސްޓްމެންޓުގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިންނަށް އެތައް ހާސް ވަޒީފާއެއް ފަހިކޮށްދޭނެ މުހިންމު ބިންގަލެއް ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އާންމުކޮށް ބަރޯސާވާ ދާއިރާތައް ފުޅާވެ، ސިންދަފާތުވުމަށް މަގުފަހިވާނެ ކަމަށެވެ.
މީގެއިތުރުން މިއީ އަންނަން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ އިޤްތިޞާދީ ފާގަތިކަމާއި ތަނަވަސްކަން ކަށަވަރުކޮށްދޭނެ ވަރަށް ބޭނުންތެރި މަސައްކަތެއް ކަމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާއިރު، މަޝްރޫޢު ފުރިހަމަވުމުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން ޑޮލަރު ޤައުމަށް ލިބިގެންދާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
އެމްބީސީއިން ބުނީ މި މަޝްރޫޢުގެ ސަބަބުން އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށާއި އޭގެ ތެރޭގައި ޢިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ޕްރޮފެޝަނަލް ޚިދުމަތްތައް ދޭ ފަރާތްތަކަށް އައު މާކެޓްތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންނަމަވެސް އެމްބީސީން ބާރުއަޅަނީ މި މަޝްރޫޢުގެ ކާމިޔާބީ ހަމައެކަނި ލިބޭ އިންވެސްޓްމަންޓާއި ފަތުރުވެރިކަމުގެ އާމްދަނީން މިނެކިރުމުގެ ބަދަލުގައި، ދިވެހިންނަށް ލިބޭ ވަޒީފާތަކާއި، ވިޔަފާރިތަކުގެ ކުރިއެރުމާއި، ޒުވާނުންނަށް ދަސްކޮށްދެވޭ ހުނަރުތަކަށް ބަލައިގެން ވަޒަންކުރުމަށެވެ. އެހެންކަމުން މުދަލާއި ޚިދުމަތް ހޯދުމުގައި ދިވެހިންނަށް އިސްކަންދީ، ސަޕްލަޔަރުންގެ ގޮތުގައާއި އިންވެސްޓްމަންޓްތަކުގައި ދިވެހި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ވަނީ ގޮވާލާފައެވެ.








