

.jpeg?w=3840&q=75)






ފުނަދޫ އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް އެރަށަށް ފޮނުވުމަށް ނިންމައިފިއެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކައިރި ސަރަހައްދުތަކަށް ފެތުރިގެން ދިޔަ ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނަކަށާއި ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށް ވެސް އަލިފާން ފެތުރިފައިވާ ކަމަށެވެ.
މީގެއިތުރުން، އެ ސަރަހައްދުގައި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވެސް އަލިފާން ފެތުރިފައިވާ ކަމަށާއި މި ހާދިސާގެ ސަބަބުން އަލިފާން ފެތުރުނު އެ ތަންތަން ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާ ގުޅިގެން އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދިން 18 މީހުންގެ ތެރޭގައި، ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކު ހިމެނޭކަން ހާމަކޮށްފައި ވެއެވެ.
ފުލުހުން ބުނީ ދެން ހިމެނޭ 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުން ކަމަށެވެ
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ފުލުހުން ވަނީ ކޯޑަންކޮށް ބަންދުކޮށްފައެވެ. އަދި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަހުގީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިއަދު ފުނަދޫއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.


.jpeg?w=3840&q=75)





