





.jpeg?w=3840&q=75)


އެކި ކާރިސާތަކުގައި އިސްކަންދެނީ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެއެވެ.
އެންޑީއެމްއޭގެ ޑިރެކްޓަރ ޕޮލިސީން އެންޑް ޕްލޭނިންގ ކާޝިފް ނަސީރު ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެންވެސް ރާއްޖޭގެ ސަރަޙައްދުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ކައުންސިލްތަކުން ލިބޭ މައުލޫމާތުތަކަށް ބަލައި އެ އޮތޯރިޓީގެ އެމަޖެންސީ މެނޭޖްމަންޓު ޓީމުތަކުން މަސައްކަތް ކުރަމުންދާކަމަށާއި ފެން ހިންދާ ނިމުމުން ލިބުނު ގެއްލުން ދެނެގަތުމަށް އެސަސްމަންޓު ހެދުމުގެ މަސައްކަތް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާނެކަން ހާމަކުރައްވާފައެވެ.
އޭނާ ވިދާޅުވީ އެ ރިޕޯޓް ލިބުމާއެކު ލިބޭ ގެއްލުން ބަލައި ޒަރޫރީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާނެކަމަށާއި އެ އޮތޯރިޓީގެ ކޮމިއުނިޓީ ރެޒިލިއަންސް ބިލްޑިން ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ޑިޒާޒްސްޓަރ މެނޭޖްމަންޓު ޕްލޭނާއި ކޮމިއުނިޓީ އެމަރޖެންސީ ރެސްޕޮންސް ޓީމުތައް އެކުލަވާލުމުގެ މަސައްކަތް މީހުން ދިރިއުޅޭ 72 ރަށެއްގައި ހިނގާފައިވާކަމަށެވެ. އަދި އެ އޮތޯރިޓީން މިވަގުތު އެހީތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ގެތަކަށް ލިބޭ ގެއްލުމާއި ހިފައިގެންގުޅޭތަކެއްޗައް ލިބޭ ގެއްލުކަމަށް އެކަނިކަމަށް ވެސް ވިދަޅުވިއެވެ.
މީގެއިތުރުން ދިމާވާ ހާދިސާއެއްގެ ސަބަބުން ފެން ވަދެން އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެނަމަ، އެންމެ އިސްކަމެއްދެނީ ފެން ހިންދައި އަލުން ގެޔަށް ބަދަލުކުރުމުގެ މަސައްކަތްކަމަށާއި އެހިސާބުންވެސް ގެޔަކަށް ވަދެވޭވަރު ނުވާނަމަ ގެސްޓު ހައުސް ނުވަތަ ސުކޫލް ފަދަ ތަންތަނުގައި އިންތިޒާމު ހަމަޖައްސާކަމަށް ވިދާޅުވިއެވެ.




