
%20(1).jpeg?w=3840&q=75)


.jpeg?w=3840&q=75)




ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި މިއަދު ހެނދުނު ރޯވި ނުރައްކާތެރި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، ކައިރީގައި ހުރި ހަތަރު ގެއަކަށާއި ފަސް ގަރާޖަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ހެނދުނު 7:00 ހާއިރު ހިނގި މި ހާދިސާ ފެށުނީ އަމިއްލަ ފަރާތަކުން އެ ރަށުގައި ހިންގާ "ފަތްމިނި" ނަމަކަށް ކިޔާ ޕެޓްރޯލް ޝެޑުންނެވެ.
އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރިގެން ދިޔުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕް ނުވަތަ ގަރާޖަކަށް އަލިފާނުގެ އަސަރު ފޯރާފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގައި ދިރިއުޅޭ އާންމުން މިހާރު ވަނީ އެހެން ތަންތަނަށް ބަދަލުކޮށް، އެ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަމާބެހޭ އިދާރާތަކުން ފޯރުކޮށްދީފައެވެ. ބޮޑެތި ގެއްލުންތަކެއް މުދަލަށް ލިބުނު ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
އާންމުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަ އެ ރަށުގެ ހަމައެކަނި ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށްޓަކައި ސިފައިންނާއި، ފުލުހުންނާއި، ފުނަދޫ އެއާޕޯޓުގެ ފަޔާ ޓީމުގެ އިތުރުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދިގުލީ މަސައްކަތްތަކެއް ކޮށްފައެވެ. މީގެއިތުރުން ހދ. ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން އެމްއެންޑީއެފްގެ ޓީމަކާއި ކައިރީގައި އޮންނަ މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔާ ޓީމު ވެސް ވަނީ އެ ރަށަށް ގޮސް އަލިފާން ނިއްވުމުގެ އޮޕަރޭޝަނުގައި ބައިވެރިވެފައެވެ.
އަލިފާން ނިއްވުމަށް ފުނަދޫ އެއާޕޯޓުގެ ފަޔާ ލޮރީތައް ބޭނުންކުރަމުން ދިޔުމުގެ ސަބަބުން، ހެނދުނު 9:45 ގައި އެ ރަށަށް ޖައްސަން އޮތް މޯލްޑިވިއަންގެ މަތިންދާބޯޓު ވަނީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޑައިވާޓް ކޮށްފައެވެ. އަދި އަލިފާނުގެ ސަބަބުން އެރި ބޯ ދުމުގެ އަސަރު މުޅި ރަށު ތެރެއަށް ފެތުރިފައިވާއިރު، ސްކޫލުގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވި އަލިފާނުގެ 90 ޕަސެންޓް ކޮންޓްރޯލުކޮށްފައިވާ ކަމަށެވެ.

%20(1).jpeg?w=3840&q=75)


.jpeg?w=3840&q=75)