


.png?w=3840&q=75)





-
ދިވެހިރާއްޖެއަށް އަސާސީ ބޭސް ފޯރުކޮށްދިނުމުގައި އެހީތެރިވުމުގެ ގޮތުން، ފަސް މިލިއަން ލަންކާ ރުޕީސްއަށްވުރެ އަގުބޮޑު ބޭހުގެ ޝިޕްމެންޓެއް ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި އެހީ ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮކްޓޫބަރު މަހުގެ 22 ވީ ބުރާސްފަތި ދުވަހު، ކޮލޮމްބޯގައި ހުންނަ ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައެވެ. މި ބޭހުގެ ޝިޕްމެންޓް ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދެވެ.
ލަންކާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އެހީއަކީ ރާއްޖޭގެ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ އެދިވަޑައިގަތުމަކާ ގުޅިގެން ހަމަޖައްސައިދިން އެހީތެރިކަމެކެވެ.
މި ބޭހުގެ ކޮންސައިންމަންޓް ހަމަޖެއްސުމުގައި ލަންކާގެ މެޑިކަލް ސަޕްލައިސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލްސް މެނުފެކްޗަރިންގ ކޯޕަރޭޝަން (އެސްޕީއެމްސީ) އަދި ސްރީ ލަންކާ ފާމަސޫޓިކަލް މެނުފެކްޗަރާސް އެސޯސިއޭޝަނުން ވަނީ ބައިވެރިވެ އެހީތެރިކަން ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި ހައި ކޮމިޝަނަރު މަސްޢޫދު ޢިމާދު ވަނީ، ލަންކާ ސަރުކާރަށާއި ރައީސް އަނޫރާ ކުމާރާ ދިސާނަޔަކައަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރި އަދި ގާތް ގުޅުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖާސިންހަ އަދި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަސޭލާ ގުނަވަރްދަނާގެ އިތުރުން ޞިއްޙީ ދާއިރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.



.png?w=3840&q=75)
