


.jpeg?w=3840&q=75)





-
ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުޞޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާނު ކުރައްވާފައިވާ ފައިޞަލް ނަސީމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ފައިޞަލް ނަސީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީވެ، މިއަދު ފެންނަ ބޮޑު ކާމިޔާބީ ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުގެ ޙިއްޞާ ބޮޑުކަމުން، ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ދެކޮޅު ނޫން ކަމަށެވެ.
ނަމަވެސް، ރަސްމާލެ މަޝްރޫޢުގެ އިންވެސްޓްމަންޓްތަކާ ބެހޭ މަޢުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުޞޫލެއް ނެތުމަކީ ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރެއްވިއެވެ.
ފައިޞަލް ވިދާޅުވި ގޮތުގައި މިއީ ޤައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުޠުތަކާއި، އެއްބަސްވުންތަކާއި، އަދި އޭގެ ސަބަބުން ދިގު މުއްދަތުގައި ނިކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭނެއެވެ. އަދި އެ މަޢުލޫމާތުތައް ޢާންމުކޮށް ޙިއްޞާކުރަންޖެހޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
މީގެއިތުރުން، އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ އަސާސީ ޙައްޤެއްކަން ފާހަގަކުރައްވައި، ރައްޔިތުންގެ އަޑުއަހައި އެ މީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އިޙްތިރާމްކުރަންޖެހޭނެ ކަމަށް ފައިޞަލް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށާއި، އިޤްތިޞާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ނަމަވެސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށް ފައިސަލް ވަނީ ބާރުއަޅުއްވާފައެވެ.



.jpeg?w=3840&q=75)
