







ޑޫއޭ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ބާސެލޯނާ 4-2 ގެ ނަތީޖާއަކުން ބަލިކޮށ1 އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އެންމެ ފަހުން ކުޅުނު މެޗުގައި ސްލޮވަން ބްރަޑިސްލާވާ އަތުން 6-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެފައިވާއިރު، ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ ފައިނޫޑް 5-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީ އިންނެވެ.
މެޗުގެ ފުރަތަމަ ހާފު ޕީއެސްޖީ އިން ވަރުގަދަކޮށް ފެށިއިރު، މެޗުގެ ދެވަނަ މިނެޓުގައި އެޓީމުގެ ޚަވިޗާ ކަވަރަޓްސްޚޭލިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލި ދަނޑިއަށެވެ. އަދި އެޓީމުން ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑެޒެއާ ޑޫއޭ އެވެ.
ބާސެލޯނާ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޒަވީ އެސްޕާޓް އެވެ. އަދި ޕީއެސްޖީ އިން މިމެޗުގައި ދެވަނަ ފަހަރަށް ލީޑު ހޯދީ ދެވަނަ ހާފުގެ 72 ވަނަ މިނެޓުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ޑޫއޭ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއްބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބާސެލޯނާ އިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް އެވެ. ނަމަވެސް އޭގެ ދެމިނެޓް ފަހުން ވިޓީނިއާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީއަށް އަލުން ލީޑު ހޯދައިދީފައެވެ.
ޕީއެސްޖީ އިން ލީޑު ފުޅާކުރި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ފަބިއަން ރުއިޒް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ތާވަލުގެ ކުރީގައި ޕީއެސްޖީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ބާސެލޯނާ އިން ކުޅުން ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.



