
ލިވަޕޫލް އާއި ވިލަރެއާލް ވާދަކުރި މެޗުގެ ތެރެއިން..
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިންގެ ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު މެޗުގައި ލަސްކް އަތުން 6-3 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ވިލަރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށްފައެވެ.
ލިވަޕޫލްގެ އަންފީލްޑްގައި ކުޅުނު މިމެޗުގައި ފުރަތަމަ 29 މިނެޓުތެރޭގައި ވިލަރެއާލް އިން ދެލަނޑުގެ ލީޑެއް ހޯދި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ދެލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވިލަރެއާލް އިން ވެސް އިތުރު އެއްލަނޑު ކާމިޔާބުކުރިއެވެ.
އެގޮތުން މިމެޗުގައި ލިވަޕޫލްގެ އެލެކްސިސް މާކް އެލިސްޓާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ރޮނާލްޑް އަރައުހޯ އަދި ފްލޮރިއަންޓް ވިރްޓްޒް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ވިލަރެއާލްގެ ޖޯޖް މިކައުޓަޑްޒޭ އަދި ސާޖީ ކާޑޯނާގެ އިތުރުން ޓަނިޓޮލުވާ އޮލުވަސޭ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ލިވަޕޫލްގެ ޒުވާން ފޯވާޑް ރިއޯ އެންގުމޯހާ އެވެ.
މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގައި ލިވަޕޫލް މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ވިލަރެއާލް އިން ލީގު ފޭސްގައި ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.


.png?w=3840&q=75)




.png?w=3840&q=75)




