

.png?w=3840&q=75)






15 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.0 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ.
މި ކުރިއެރުމަކީ މައިގަނޑު ގޮތެއްގައި އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.ޖީ.އެސް.ޓީ)، ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސް އަދި އާމްދަނީގެ އެހެނިހެން މުހިންމު ދާއިރާތަކުން ލިބުނު މިންވަރު އިތުރުވުމުގެ ސަބަބުން ލިބުނު ކުރިއެރުމެކެވެ.
މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 އިންސައްތަ އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޖީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ 8.2 އިންސައްތައިން އިތުރުވެ، 4.43 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއިން ލިބިފައިވަނީ 4.09 ބިލިއަން ރުފިޔާއެވެ. ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވެސް ޖީ.ޖީ.އެސް.ޓީ އިން ކަމަށްވުމީ، ރާއްޖޭގެ އެތެރޭގެ އާމްދަނީ އިތުރުކުރުމުގައި މި ޓެކްސްގެ ދައުރު ބޮޑުކަން ހާމަކޮށްދޭ ކަމެކެވެ.
ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 10.4 އިންސައްތަ އިތުރުވެ، 1.09 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށްވެސް ވަނީ ހެޔޮ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 15.2 އިންސައްތަ އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 އިންސައްތަ އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ 87.8 އިންސައްތަ އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 އިންސައްތަ އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މުދަލުން ލިބުނު އާމްދަނީ 12.1 އިންސައްތަ އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 68.1 އިންސައްތަ އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައެވެ.


.png?w=3840&q=75)

