







ދައުލަތުގެ އިދާރާތަކުގައި ހުޅުޖަހަން ގޮވާލި މީހަކު ފުވައްމުލައް ސިޓީ އިން ހައްޔަރުކޮށްފިއެވެ.
ރައީސް އޮފީހާއި، މަޖިލީހުގެ އިމާރާތާއި، ސުޕްރީމް ކޯޓުގައި ހުޅުޖަހަން ގޮވާލުމުން ހައްޔަރުކޮށްފައިވަނީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓް އަދި، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ހަސަން ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.
ޒިހާން މިކަމަށް ގޮވާލީ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ އިމާރާތްތަކުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯއެވެ. އަދި އެކަން ކުރަން ވަރަށް މަޖާވާނެ ކަމަށް ބުނެފައިވެއެވެ.
އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފައިވާއިރު، ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިޔާމް މީޑިއާ އަށް ވިދާޅުވީ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި ހައްޔަރުކުރީ ފުވައްމުލައް ސިޓީން ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.







