








ފަރެސްމާތޮޑާ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 04:15 އެހައިކަންހާއިރު ކަމަށެވެ.
މި ރިޕޯޓު ލިބުމާއެކު، ފުލުހުން އެ ސަރަޙައްދަށް ގޮސް އެއަރޕޯޓުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އާއި ރަށު ކައުންސިލާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ފަށިކަމަށާއި މި ހާދިސާގައި އެކަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނުކަމަށް ބުނެއެވެ. އެހެންނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭކަމަށާއި، މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑީއާގައި ދައުރުވާ މިހާދިސާގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުން އަލިފާން ރޯވުމުގެ ސަބަބުން އެގެއަށް ބޮޑެތި ގެއްލުންތަކެއްވެ ބޭނުން ނުކުރެވޭވަރަށް ވަނީ ތަންތަނާއި ތަކެތި ހަލާކުވެފައެވެ.




