.jpg?w=3840&q=75)








ދިވެހިރާއްޖެއާއި ޕާކިސްތާނަކީ ޒަމާންވީ އެކުވެރި، އިސްލާމީ ވަރުގަދަ އަޚުވަންތަކަމެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމެވެ. މި ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށްސިޔާސީ ނުވަތަ ޚާރިޖީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ. އޭގެ ފަހުން ވޭތުވެދިޔަ 60 އެއްހާ އަހަރުގެ ދިގު ތާރީޚަށް ބަލާއިރު، ދެ ޤައުމުގެ ގުޅުން ސިފަކުރެވެނީ އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ނަމޫނާ ގުޅުމެއްގެ ގޮތުގައެވެ.
ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމުގެ އެންމެ ވަރުގަދަ ބިންގަލަކީ ދެ ޤައުމަކީ ވެސް ސައްތައިން ސައްތަ މުސްލިމް ދެ ޤައުމަށް ވުމެވެ. ބައިނަލްއަޤްވާމީ މައިދާނުގައާއި، ޚާއްޞަކޮށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަދި ސާކް (SAARC) ފަދަ ޖަމާޢަތްތަކުގައި ދެ ޤައުމުން އަބަދުވެސް ދަނީ އެއް ޤައުމު އަނެއް ޤައުމަށް އެއްބާރުލުން ދެމުންނެވެ. އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި މައްސަލަތަކުގައްޔާއި، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތުކުރުމުގައި ދެ ޤައުމުގެ ޚިޔާލާއި ސިޔާސަތު އެއްގޮތްކަން ފާހަގަކުރެވެއެވެ.
ތަޢުލީމީ ދާއިރާއިން ޕާކިސްތާނުން ދިވެހިރާއްޖެއަށް ވެދީފައިވާ އެހީތެރިކަމަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ. ޚާއްޞަކޮށް ޞިއްޙީ ދާއިރާއިންނާއި، އިންޖިނިއަރިންގ، އަދި އިސްލާމީ ތަޢުލީމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް އެތައް ދިވެހި ދަރިވަރުންނަކަށް ޕާކިސްތާނުން ވަނީ ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދީފައެވެ. މިއަދު ރާއްޖޭގައި ޚިދުމަތް ކުރައްވާ ގިނަ ޢަދަދެއްގެ ޑޮކްޓަރުންނާއި އިލްމުވެރިންނަކީ ޕާކިސްތާނުގެ ޔުނިވަރސިޓީތަކުން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅުންނެވެ.
މީގެއިތުރުން، ޢުމްރާނީ ތަރައްޤީއާއި ދިފާޢީ ދާއިރާއިން ވެސް ދެ ޤައުމުގެ ގުޅުން ވަނީ ބަދަހިވެފައެވެ. 1990 ވަނަ އަހަރު މާލޭގައި ބޭއްވުނު ފަސްވަނަ ސާކް ސަމިޓާ ގުޅިގެން، ޕާކިސްތާނުގެ އެހީގައި މާލޭގައި ބިނާކުރެވުނު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޢިމާރާތަކީ މި ގުޅުމުގެ ދިރިހުރި ރަމްޒެކެވެ. އަދި ރާއްޖެއަށް ދިމާވި އެކި ކާރިސާތަކުގައި، ޚާއްޞަކޮށް 2004 ގެ ސުނާމީ ކާރިސާގައި ޕާކިސްތާނުން ވެދިން އަވަސް އެހީތެރިކަން ދިވެހިން އަބަދުވެސް ހަނދާންކުރަނީ ޝުކުރުވެރިކަމާއެކުގައެވެ.
ފާއިތުވި 60 އަހަރަކީ ރާއްޖެއާއި ޕާކިސްތާނުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަން ސާބިތުކޮށްދިން ދުވަސްތަކެކެވެ. ދެ ޤައުމުގެ ދެމެދުގައިވާ ދީނީ، ޘަޤާފީ އަދި ސިޔާސީ އެއްގޮތްކަމުގެ ސަބަބުން މި ގުޅުން ވަނީ ވަރަށް ބޮޑަށް ހަރުދަނާވެފައެވެ. މުސްތަޤްބަލުގައި ވެސް މި އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ދެ ޤައުމަށް ފައިދާހުރި އެތައް ކާމިޔާބީތަކެއް ޙާޞިލުވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
.jpg?w=3840&q=75)







