








ދިވެހިބަހަކީ ހަމައެކަނި މުޢާމަލާތުކުރުމަށް ޓަކައި ދުލުން ބޭރުކޮށްލެވޭ އަޑުތަކެއް ނޫނެވެ. އެއީ ދިވެހީންގެ ލެޔާއި މަހާ ގުޅިލާމެހިފައިވާ އަމިއްލަވަންތަކަމުގެ ރޫޙެވެ؛ ދިވެހި ޒަމީރުގެ ޝަރަފާއި ފަޚުރެވެ. އަޅުގަނޑުމެންގެ ހިތުތެރޭގައި އުތުރިއަރާ ޖަޒުބާތުތަކާއި ފުން އިޙުސާސްތައް ބޭރުކޮށްދޭ ދިރުމެއްހުރި އަޑެވެ. ކާބަފައިންގެ އާދަކާދަތަކާއި، ސަޤާފަތުގެ މޫތައް ކަނޑުފަޅުތަކުގެ ތެރެއިން ދަމާހިއްޕާފައިވާ މައި ފެންއާރެވެ.
މި މުޤައްދަސް އަމާނާތް އަންނަން އޮތް ޖީލުތަކަށް ސާފުކަންމަތީ ވާޞިލުކޮށްދިނުމަކީ އަދުގެ ދަރިންގެ ކޮނޑުގައި އެޅިފައިވާ ތާރީޚީ ވާޖިބެކެވެ. މަލިކުގެ އައްސޭރިން ފެށިގެން އައްޑޫގެ ގޮނޑުދޮށްތަކާ ހަމައަށް ފެތުރިފައިވާ މި ކުޑަކުޑަ ޖަޒީރާވަންތަ ބިމުގައި، ދިވެހިބަހަށް ލިބިފައިވާ ބަހަވީ މުއްސަނދިކަމާއި ފުރިހަމަކަމަކީ ދުނިޔޭގެ ބަހަވީ ޢިލްމުވެރިންގެ ބުއްދި ޙައިރާންކޮށް، ޝޯޚުކުރުވާ ފަދަ އަޖައިބެކެވެ. އެހެނަސް، މި ލޮބުވެތި ބަހުގެ ދިފާޢުގައި އަޅުގަނޑުމެންގެ ހިތްތަކުގައި ޖަހަންވީ ލޯތްބާއި ކުލުނުގެ ވިންދު ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ.
ޒަމާންތަކުގެ ތެރެއަށް ފީނައި ބަލާއިރު، ދިވެހިބަހަކީ ޤަރުނުތަކުގެ ދިގު ރާސްތާއެއް ކަނޑައްތުކޮށްފައިވާ ދޮށި، ޝަރަފުވެރި ތަރިކައެކެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ އެ ތަރިކައިގެ ވިދުން ފަނޑުކޮށްލުމަށް ބޭރުގެ ބަސްތަކުގެ، ޚާއްޞަކޮށް އިނގިރޭސިބަހުގެ އޮއިވަރުތައް ގަދަވެގަނެ، ދިވެހިބަހުގެ އަސްލު ފޭރާން ވީދައި ކުދިކުރަމުންދާ ހިތާމަވެރި މަންޒަރެވެ.
މައިކަލް ކުރޫސް (1992) އިންޒާރު ދެއްވާފައިވާ ފަދައިން، ހިނގަމުން މިދާ 21 ވަނަ ޤަރުނު ނިމުމަކާ ހަމައަށް ދާއިރު، ދުނިޔޭގެ ބަސްތަކުގެ ތެރެއިން 90 އިންސައްތަ ބަސް ނެތިގެން ގޮސް، 3176 ބަހެއްގެ އަޑު ދުނިޔެއިން މުޅިން ކެނޑިގެންދާނެއެވެ. މި ބިރުވެރި ތޫފާނުގެ ރާޅުތައް އަޅުގަނޑުމެންގެ ކުޑަކުޑަ ބަހުގެ އައްސޭރިއަށް ވެސް މިވަނީ ބީއްސަން ފަށާފައެވެ. އެހެނީ، މުޅި ދުނިޔޭގައިވެސް މި ބަހުން ވާހަކަދައްކަނީ މަދު އާބާދީއެކެވެ. ތާރީޚު ހެކިދޭ ގޮތުގައި ބަހެއްގެ އަހުލުވެރިން އެ ބަހަކާމެދު ފަރުވާކުޑަކޮށް، ބީރައްޓެހިވެއްޖެ ނަމަ، އެ ބަހެއް ވަޅުޖެހި ނެތިދިއުމަކީ ޤުދުރަތީ ޤާނޫނެކެވެ.
އަދުގެ ޙަޤީޤަތަކީ ދިވެހިން މިވަނީ އަމިއްލަ ބަހަށް ފުރަގަސްދީފައެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ބަހެއް މަރުވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި؛ ޒުވާން ޖީލު އެ ބަހާ ދުރުހެލިވުމާއި، ތަޢުލީމީ ނިޒާމުގައި ބޭރު ބަހަކަށް އިސްކަންދިނުމާއި، ވިސްނުމާއި ސަޤާފަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ދެވަނަ ބަހެއް އިސްކުރުން ހިމެނެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ މި ނުރައްކާތެރި ޢަލާމާތްތަކެވެ. ބަސް ޙިމާޔަތްކުރުމަށްޓަކައި 2011 ވަނަ އަހަރު "ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނު" ވުޖޫދަށް ގެނައި ނަމަވެސް، އެ ޤާނޫނު ތަންފީޒުކުރުމުގެ ބާރާއި އިޚްތިޔާރު ކަމާބެހޭ ފަރާތްތަކަށް ލިބިފައި ނެތުމުން، އެއީ ލިޔެވިފައިވާ ކަރުދާސްގަނޑަކަށް ވުރެ ބޮޑު އެއްޗަކަށް ނުވިއެވެ. ދަޢުލަތުގެ ރަސްމީ މުއާމަލާތްތަކުން ވެސް މި ބަހަށް ޙައްޤު ޤަދަރު ގެއްލެމުންދަނީ އެހެންވެގެންނެވެ.
މި ނުރައްކަލުގެ ރަނގަބީލު ދިވެހި އަދަބިއްޔާތުގެ ދަންމަރުތައް މާކުރިން ވަނީ ޖައްސަވާފައެވެ. ދިވެހިބަހުގެ އަދީބު ޢަބްދުﷲ ޙަމީދު (2002) ފާހަގަކުރެއްވި ފަދައިން: "ކުރީއްސުރެ ދިވެހިބަސް ބޭނުންކުރަމުން އައިސްފައިވާ ހަމަތަކާއި ޢުސޫލުތަކަށް ތަބަޢަ ނުވުމަކީ އެމީހަކަށް ފެންނަގޮތަކަށް އެމީހަކު ބަސް ބޭނުންކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އެދޮރުން ބަހުގެ ޤަވައިދުތަކާއި އުޞޫލުތައް ނިކުމެގެން ގޮސް ބައެއް އެހެން ބަސްބަހަށް ވީހެން ދިވެހިބަސްވެސް އުވިގެން ނެތިގެން ހިނގައިދާނެއެވެ. މިއީ ކޮޅެއްނެތްފަދަ ބިރެކެވެ." އަދި މީގެ އިތުރުން ޝައިޚުލްއަދީބު އަލްމަރްޙޫމް މުޙައްމަދު ޖަމީލު (2007) ވިދާޅުވެފައިވެއެވެ: "ދިވެހި ބަހަކީވެސް ކޮންމެވެސް މިންވަރަކަށް ހަމަތަކާއި ގޮތްތަކެއް އެކުލެވިގެންވާ ބަހެކެވެ. ބަހަށް ގޮތްހަދައިލާން ހިތަށް އެރުމުގެ ކުރީގައި ބަލާންވާނީ ބަހުގައި އެކަން އޮތްގޮތެވެ. އެގޮތަށް ރަނގަޅަށް ނޭންގިހުރެ އަޅާކޮންމެ ފިޔަވަޅެއްް، ޒަމާން ފުހެމުން ދާނެއެވެ. ޒަމާން ދަމަހައްޓާނީ މޮޅު ހަރުދަނާ ފިޔަވަޅެކެވެ. މޮޅު ހަރުދަނާ ގޮތެކެވެ."
މި ހިތާމަވެރި ފުން އަނދަވަޅުން ދިވެހިބަސް ސަލާމަތްކުރެވޭނީ، މުޅި އުންމަތް އެކުގައި ހޭލައި، މި ކަމުގެ މައްޗަށް ބަސްބުނެގެންނެވެ. ދަޢުލަތުގެ މުއައްސަސާތަކުން ފެށިގެން އާދައިގެ ރައްޔިތާ ހަމައަށް، ދިވެހިބަހަކީ އަޅުގަނޑުމެންގެ ޤައުމީ ޝަރަފުކަން ދަނެ، ކުރާ ކޮންމެ ކަމެއްގައި މި ބަހަށް އިސްކަންދީގެންނެވެ. މާދަރީބަހުގެ އަމާނާތް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޤައުމީ ޒިންމާއެކެވެ. މި މަތިވެރި ވާޖިބު އަދާކުރުމުގެ ހެޔޮ ތައުފީޤު މާތް ﷲ އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން.




