








ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އެކުލަވާލާފައިވާ ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ ގޮތުގެ ޗާޓުތަކާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓުމުގެ އޮނިގަނޑުތައް އަދި ގާނޫނީ އޮނިގަނޑަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް މުރާޖައާކޮށް، ފާސްކުރުމަށްޓަކައި ބޭއްވި ޚާއްސަ ވެލިޑޭޝަން ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި މަސައްކަތު ބައްދަލުވުމުގައި ކައުންސިލްތަކުގެ މަންދޫބުންނާއި، ދާއިރާގެ މުހިންމު އެކި ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކެޓެނޭޓް ޕްރޮޖެކްޓުގެ ދަށުން އެކުލަވާލެވިފައިވާ "ރިސޯސް ޔޫސް މެޕްސް" އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިންގާ ބަލަހައްޓާނެ ގޮތުގެ މޮޑެލްތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް، އެ ލިޔެކިޔުންތައް ވެލިޑޭޓްކޮށް ހަރުދަނާކުރުމެވެ.
މީގެ އިތުރުން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ހިމާޔަތްކޮށް ބަލަހައްޓާ ސަރަހައްދުތަކާ ގުޅޭ ގާނޫނީ އޮނިގަނޑަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާ މެދު މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކޮށްފައެވެ. އަދި މި ބަދަލުތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ބައިވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ވޯކްޝޮޕް ނިމިގެން ގޮސްފައިވަނީ ބައިވެރިންގެ ފަރާތުން އަގުހުރި ޚިޔާލުތަކަކާއި މަޝްވަރާތަކެއް ލިބި، ވަރަށް އުފެއްދުންތެރި އަދި ކާމިޔާބު ބައްދަލުވުމެއްގެ ގޮތުގައެވެ. މި މަސައްކަތުގެ ސަބަބުން ލާމަރުކަޒީ އުސޫލުން ތިމާވެށި ރައްކާތެރިކުރުމަށް ކައުންސިލްތަކަށް ލިބިގެންދާ ބާރުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.








