





.jpeg?w=3840&q=75)


-
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވި އެކްސްޓްރާއޯޑިނަރީ މީޓިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ބައިވެރިވެވަޑައިގެން، ފަލަސްޠީނުގެ ޙައްޤުގައި ވަކާލާތު ކުރައްވައިފިއެވެ.
މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރުގެ ހައިސިއްޔަތުން އޯ.އައި.ސީ ގެ ބައްދަލުވުމެއްގައި ވަޒީރު އިރުތިޝާމް ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން ވަޒީރު އިރުތިޝާމް ވަނީ، އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަކީ އެމީހުންގެ މިލްކެއް ކަމުގައި ނިންމައި ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އަދި އިސްރާއީލުގެ ޣައިރުޤާނޫނީ ޢަމަލުތައް ހުއްޓުވައި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނަ ފިޔަވަޅުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާފައިނުވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިސްލާމީ އުންމަތުގެ މަތިވެރި އުޞޫލުތައް ދެމެހެއްޓުމަކީ އޯ.އައި.ސީގެ މެންބަރު ޤައުމުތަކުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި އެމީހުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ. އަދި ދެމެހެއްޓެނިވި ޞުލްޙައަކަށް ވާސިލުވުމަށްޓަކައި "ކޮމްޕްރިހެންސިވް ޕްލޭން ޓު އެންޑް ދަ ޤާޒާ ކޮންފްލިކްޓް" ތަންފީޒުކުރުމަށްވެސް ވަޒީރު ވަނީ ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގެ ހަވާސާގައި، އޯ.އައި.ސީގެ ބައެއް މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ވަޒީރު އިރުތިޝާމް ބައްދަލުކުރައްވައި، ރާއްޖެއާއި އެ ޤައުމުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޖުމްލަ 57 ޤައުމު އެކުލެވޭ އޯ.އައި.ސީ އަކީ ފަލަސްޠީނުގެ ޙައްޤުގައި އަބަދުވެސް ވަކާލާތުކުރާ ޖަމުޢިއްޔާއެކެވެ. ދިވެހިރާއްޖެއަކީ 1976 ވަނަ އަހަރުން ފެށިގެން މި ޖަމުޢިއްޔާގެ މެންބަރެއްގެ ގޮތުގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމެކެވެ.




