


.jpeg?w=3840&q=75)




އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރާނެ ލޯގޯއެއް ހޮވުމަށްޓަކައި ހުޅުވާލި ލޯގޯތައް
އިޙްތިރާމް އަދާކުރުމުގެ ޤައުމީ ކެމްޕޭނުގައި ބޭނުންކުރާނެ ލޯގޯއެއް ހޮވުމަށްޓަކައި ވޯޓަށް ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވުޒާރާ ޕީއެސްއެމް ގުޅިގެން އިސްވެ މި ކެމްޕެއިން ފަށަފައިވާއިރު، މިކަމުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ދިވެހި މީޑިއާތަކަށް މީގެ މަހެއްހާ ދުވަސް ކުރިން ފުރުސަތު ހުޅުވާލާފައިވެ އެވެ.
މި ކެމްޕެއިންގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ވުޒާރާގެ ފަރާތުން ހުޅުވާލާ، މިހާރު އެ މުއްދަތު ހަމަވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި 22 ލޯގޯއެއް ލިބިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މި ކެމްޕެއިންގައި ބޭނުންކުރުމަށް ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތުގެ ތެރޭގައި ވަރަށް ޝައުގުވެރި ވަރަށް ހިތްގައިމު ޑިޒައިންތަކެއްގެ ލޯގޯތަކެއް ފެނިގެންގޮސްފައިވެ އެވެ.
މި ލޯގޯތަކަށް އިންސާފުކުރުމުގެ ކަންކަން މިހާރު ވުޒާރާގައި އަމަލީ ގޮތުން ކުރިއަށްދާއިރު، މިކަމާއި ގުޅިގެން ފަޓިޔާރު އަހުމަދު އަންސަމް ބުނީ ހުށަހެޅިފައިވާ ލޯގޯތަކުގެ އަދަދު މަދު ކަމަށެވެ. އަދި ހުށަހަޅަަފައިވާ ލޯގޯތަކަށް ބަލާއިރު ވަކިން ހާއްސަ އެންމެ ރަނގަޅު، އެހެން ކުއްލިއަކަށް އަޅައިގަންނަ ލޯގޯތައްވެސް މަދުކަމަށް އަންސަމް ފާހަގަކުރި އެވެ.ނަމަވެސް ބައެއް ލޯގޯތަކަށް ވަރަށް މަސައްކަތްކޮށްފައި ހުރިކަމަށްވެސް ފަޓިޔާރު ފާހަގަކުރި އެވެ.
ފަންނާއި ސަގާފަތާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ލިބުނު ލޯގޯތައް ފަނޑިޔާރުން އިވެލުއޭޓްކުރުމަށްފަހު 10 ލޯގޯއެއް ޝޯޓުލިސްޓު ކޮށްފައިވާކަމަށެވެ. އަދި މި 10 ލޯގޯގެ ތެރެއިން އާންމުންނަށް އެންމެ ކަމުދާ ލޯގޯއަކަށް ވޯޓުލުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އެންމެ ކަމުދާ ލޯގޯއަކަށް ވޯޓަށް ހުޅުވާލާފައިވަނީ ޕީއެސްއެމް އެއަރ އެޕްލިކޭޝަން މެދުވެރިކޮށެވެ. ވޯޓުދިނުމުގެ ސުންގަޑިއަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 00:00 އެވެ.
އެއްވަނައަށް ހޮވާ ލޯގޯ ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 60،000 ރުފިޔާ ވުޒާރާއިން ކަނޑައަޅާފައިވާއިރު، އެއްވަނަ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގަ އެވެ.
ދިވެހީންގެ ރީތި އުޅުމާއި ގުޅުން އިއާދަކޮށް ތަރައްގީކުރުމުގެ ގައުމީ ތަސައްވުރެއް އެކުލަވާލާ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުއެއް މި އަހަރު ފަށާނެކަމާއި، އިހްތިރާމް އަދާކުރުމުގެ ސިފަ އަށަގެންނެވުމުގެ ގައުމީ ކެމްޕެއިނެއް މުޅި ރާއްޖޭގެ ކުރިއަށްގެންދަން ނިންމަވާ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފައްޓަވާފަ އެވެ.
5 އަހަރު ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "އިޙުތިރާމުގެ އުފާ - މުޖުތަމަޢުގެ ނަފާ" އެވެ.



.jpeg?w=3840&q=75)


.jpeg?w=3840&q=75)