
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)


ހުޅުމާލެ ފޭސް އެކެއް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ބޭނުމަށް ހުޅުމާލޭން ބިމެއް ގަނެފިއެވެ.
މައުލޫމާލު ލިބިފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީން ގަނެފައިވަނީ 94.5 މިލިއަން ރުފިޔާގެ އަގުހުރި ބިމެކެވެ. އެ ބިން ގަނެފައިވަނީ ހުޅުމާލެ 1ގެ ސްޓެލްކޯ އިންޖީނުގެ އާއި މަސް މާރުކޭޓު ހިމެނޭ ސަރަހައްދުންނެވެ.
އެ ބިމުގެ ބޮޑުމިނުގައި 25،011 އަކަފޫޓު ހުންނައިރު އެއީ އެޗްޑީސީގެ މިލުކުގެ ދަށުގައި އޮތް ތަނެކެވެ.
އެ ބިން އެ ކުންފުނިން ފިނޭންސް މިނިސްޓްރީއަށް ވިއްކާފައިވާއިރު، މިނިސްޓްރީން ވަނީ ބިމުގެ އަގުވެސް ދައްކައި ޚަލާސްކޮށްފައެވެ.
މި މުއާމަލާތް ރަޖިސްޓަރީކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި މިއީ ސައްހަ މުއާމަލާތެއް ކަމަށް ކަނޑައަޅައި، އެޗްޑީސީގެ މިލުކުން އެ ބިން ވަކިކޮށް، ފިނޭންސް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން މިއީ ކޮން ބޭނުމަކު ގަތް ބިމެއް ކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، މިއީ ހުޅުމާލޭގެ ބިމެއް ދައުލަތުގެ ބޭނުމަށް ނަގާ ނަމަ، އާންމުކޮށް އަމަލުކުރާ އުސޫލެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ކޮންމެ ބިމެއް ވެސް ދައުލަތަށް ނަގާ ނަމަ، އެ ބިމަށްވާ ފައިސާ އެ ކުންފުންޏަށް ދޭން ޖެހެއެވެ.
މި އަހަރު ކުރީކޮޅު އިސްލާމިކް ޔުނިވާސިޓީގެ ކެމްޕަހެއް އެޅުމަށްވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 69.7 މިލިއަން ރުފިޔާ ދީފައިވާ ހުޅުމާލޭން ބިމެއް ދައުލަތަށް ނެގިއެވެ.