
.jpeg?w=3840&q=75)
.jpg?w=3840&q=75)


.jpeg?w=3840&q=75)

.jpg?w=1920&q=75)
އިންސާނާގެ ޙަޔާތުގައި ކުރިމަތިވާ އެންމެ ނުރައްކާތެރި އެއް ވަސްވާހަކީ ކަންކަން ޙާޞިލުކުރުމަށްޓަކައި ﷲ ނޫން ފަރާތްތަކުގެ އެހީ ހޯދުމަށް ހިތް އެދުމެވެ. މިގޮތުން މީސްތަކުން ވެއްޓޭ އެންމެ އަނދިރި އަދި އެންމެ ނުބައި ވަޅުގަނޑަކީ ސިޙުރެވެ. ސިޙުރަކީ ހަމައެކަނި އާދައިގެ ފާފައެއް ނޫނެވެ؛ އެއީ މީހާ އިސްލާމްދީނުގެ ދާއިރާއިން އެއްކޮށް ބޭރުކޮށްލާ، އޭނާގެ ދުނިޔެއާއި އާޚިރަތް އެކީއެކައްޗަށް ބާޠިލުކޮށް ހަލާކުކޮށްލާ ބޮޑުވެގެންވާ ކުފުރެކެވެ.
ސިޙުރުގެ ޙަޤީޤަތަށް ބަލާއިރު، އެކަން ވުޖޫދުވަނީ ޚުދު ޝިރުކުގެ ތެރެއިންނެވެ. ސިޙުރުވެރިޔާ އެ ޢަމަލު ހިންގަނީ މާތް ﷲ އަށް އުރެދި، ޝައިޠާނާގެ ރުހުން ހޯދުމަށްޓަކައި އޭނާއަށް އަޅުކަންކޮށް، ފާޙިޝް އަދި މުޑުދާރު އެތައް ޢަމަލުތަކެއް ކޮށްގެންނެވެ. އެހެންކަމުން، ސިޙުރު ހަދާ ކޮންމެ މީހަކީ ދީނުން ބޭރުވެފައިވާ ކާފަރެކެވެ. މުޝްރިކެކެވެ. މިފަދަ މީހުންނަކީ ދީނުގެ ދުޝްމަނުން ކަމުގައިވާއިރު، އެމީހުންގެ ގާތަށް ކަންކަމުގައި ދިޔުމާއި، އެމީހުންގެ އެހީތެރިކަން ހޯދުމަކީ އިސްލާމްދީނުގައި މުޅިން މަނާކުރައްވާފައިވާ ޙަރާމް ކަމެކެވެ.
ސިޙުރުގެ ނުބައިކަމާއި، އެއީ ޝައިޠާނުން އުނގަންނައިދިން ކުފުރެއްކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ، وَمَا كَفَرَ سُلَيْمَانُ وَلَـٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ، وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ، فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ، وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّـهِ ، وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ) (سورة البقرة: 102).
މާނައީ: "އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިތާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހުން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފަރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިތާނުން ކާފަރުވެއްޖެއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުގަންނައި ދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި، މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށްވެސް (އެބައިމީހުން ތަބާވިއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމާންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނެއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކުފުރުނުވާށޭ ވިދާޅުވެ (ނަޞީޙަތް ދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުގަންނަވައެއް ނުދެއްވައެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ އިޒުނަފުޅާލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެވޭނެ ބަޔަކު ކަމުގައި އެބައިމީހުން ނުވެއެވެ.. އެބައިމީހުން އެ އުގެނެނީ އެބައިމީހުންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ."
ހަމައެއާއެކު، ސިޙުރުވެރިޔާ ކިތަންމެ މަކަރެއް ހެދިޔަސް އޭނާއަށް ދުވަހަކުވެސް ކާމިޔާބީއެއް ނެތްކަން އަންގަވައި ވަޙީކުރެއްވިއެވެ.
(وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ) (سورة طه: 69).
މާނައީ: "އަދި ސިޙުރުވެރިޔާ ކޮންމެ ތަނަކަށް އައިކަމުގައިވިޔަސް އެމީހަކު(ހަދާ ސިޙުރުން) ކާމިޔާބު ނުވާހުއްޓެވެ."
މި ނުރައްކާތެރި ފާފައަކީ އިންސާނާގެ ބާއްޖަވެރިކަން ނައްތާލާ ބޮޑެތި ފާފަތަކުގެ އިސް ސަފުގައި ގުނާލެވޭ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅެއްގައި ވެއެވެ.
(اجْتَنِبُوا السَّبْعَ الْمُوبِقَاتِ - قَالُوا يَا رَسُولَ اللَّهِ وَمَا هُنَّ قَالَ - الشِّرْكُ بِاللَّهِ وَالسِّحْرُ وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَأَكْلُ الرِّبَا وَأَكْلُ مَالِ الْيَتِيمِ وَالتَّوَلِّي يَوْمَ الزَّحْفِ وَقَذْفُ الْمُحْصَنَاتِ الْمُؤْمِنَاتِ الْغَافِلَاتِ) (متفق عليه).
މާނައީ: "ހަލާކުކުރަނިވި ހަތްފާފައިން ދުރުވާށެވެ. ޞަޙާބީ ބޭކަލުން ދެންނެވިއެވެ. އެކަންކަމަކީ ކޮބައިތޯއެވެ.؟ ޙަދީޘްކުރެއްވިއެވެ. "ﷲއަށް ޝިރުކުރުރުމާއި އަދި ސިޙުރު ހެދުމާއި އަދި ﷲ ޙަރާމްކުރެއްވި ނަފުސެއް ޙައްޤެއް ނެތި ޤަތުލުކުރުމާއި އަދި ރިބާ ކެއުމާއި އަދި ޔަތީމުންގެ މުދާ ކެއުމާއި އަދި ހަނގުރާމައިގައި ދެލަޝްކަރު ބައްދަލުވާ ދުވަހު ފިލުމާއި އަދި ކައިވެނި ނުކުރާ ޢިއްފަތްތެރި މުއުމިނު އަންހެނާއަށް ޒިނޭގެ ތުހުމުތު ކުރުމެވެ."
މިމޫރިތި އާޔަތްތަކުން ޙާޞިލުކުރަންވީ މުހިންމު ޢިބުރަތްތަކަކީ ސިޙުރަކީ ދީނުގައި ބޮޑުވެގެންވާ ޙަރާމް ކަމެއް ކަމާއި، އެއީ އިންސާނާ ހަލާކުގެ ތެރެއަށް އެއްލައިލާ ފާފައެއްކަމާއި ސިޙުރުގެ ޢަމަލުތަކަކީ މީހާގެ އިސްލާމްކަން ބާޠިލުކޮށްލާ ކަމެއްކަން އަދި ސިޙުރުވެރިން ގާތަށް ދިޔުމާއި، އެމީހުންނާ އެއްވެސް ބާވަތެއްގެ ގުޅުމެއް ބޭއްވުމަކީ ޙަރާމް ކަމެއްކަމެވެ.
ވީމާ، މިފަދަ އެންމެހައި ނުރައްކާތަކުން އަޅުގަނޑުމެންގެ ނަފުސުތައް ރައްކާތެރިކޮށް ދުރުކޮށްދެއްވުން އެދި ދުޢާކުރަމެވެ. އަދި އަޅުގަނޑުމެންގެ ނަފުސުތައް އިޞްލާޙުކޮށްދެއްވައި ޙައްޤުމަގުގައި ލަހައްޓަވާށިއެވެ. އާމީން.