


.jpeg?w=3840&q=75)





ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން..ފޮޓޯ: ގާފު ސްޕޯޓްސް
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެވޯޑް ނައިޓްގައި ހޮވި، އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) ހޯދައިފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ރަސްމީ އިދާރާއަކުން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހޯދި ފުރަތަމަ ފަހަރެވެ.
ހުޅުމާލޭ މެންހެޓަން ގްރޭންޑް ހޮޓަލުގައި ރޭ ބޭއްވި އެފްއޭއެމް އެވޯޑްސް ހަފްލާގައި، އަހަރުގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމަށް އިމްރާން އާއެކު ވާދަކޮށްފައިވަނީ އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޙްމަދު ހަމީދު (އަންމަޑޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަޙްމަދު (އަސޫ) އެވެ.
މިއަހަރުގެ ކުރީކޮޅު ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިން ކެޕްޓަން އިމްރާން ވަނީ އެމުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އަދި މީގެ އިންމި ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައިވެސް ގއ. ދެއްވަދޫ ޓީމާއެކު ކުޅެފައެވެ.
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެވޯޑު ހަފްލާގެ ތެރެއިން އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާއަށް އެވޯޑް ދިނުމުގެ އިތުރުން މިހަފްލާގައި އެފްއޭއެމް އިން ވަނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގުވަޒަންކޮށް ހާއްސަ ޓޯކެންއެއް ވެސް ދީފައެވެ.މީގެ އިތުރުން އެފްއޭއެމް އިން އަންނަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ކުރިއަށްދާ ފޯމެޓާއި އެއްގޮތަށް ފުޓްސަލްގެ އޮނިގަނޑައް ބަދަލުގެނެސް މުޅި ރާއްޖެ ހިމެނޭހެން އަތޮޅު ބުރުތަކާއި ޒޯން ބުރުތަކަށްފަހު، ރީޖަނަލް ކޮލިފިކޭޝަނެއް ކުޅެ، ފުޓްސަލްގެ ޕްރިމިއަރ ލީގެއް ފެށުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މުޅި ރާއްޖޭ ހިމެނޭހެން ފުޓްސަލް ސީޒަން ފެށިގެން ކުރިއަށްދާއިރު، މިހާރު ކުރިއަށްދަނީ ޒޯން ބުރުގެ މެޗުތަކެވެ.







.jpeg?w=3840&q=75)
