
257684_cc45ae4e-c_
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަވަޑައިގަތުމަށް މާލެއަތޮޅު ކާށިދޫއަށް ކުރައްވާ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ފަށްޓަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ މިދަތުރުފުޅުގައި، ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިރޭ ކ. އަތޮޅު މަދަރުސާގައި ބާއްވާ ޖަލްސާ ޝަރަފްވެރިކޮށްދެއްވާނެއެވެ. އަދި، ޖަލްސާއަށް ފަހުގައި އޮންނަ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޚާއްޞަ ޖާފަތުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މީގެއިތުރުން ކ. އަތޮޅު މަދަރުސާގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މައުރަޒަށް ޒިޔާރަތްކުރައްވައި އެ މައުރަޒުގެ ސްޓޯލްތައްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައި، ދަނޑުވެރިންނާއި ބައްދަލުކުރައްވާނެއެވެ.
މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ، ކާށިދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީއާވެސް ބައްދަލުކުރައްވާނެއެވެ. އަދި ކާށިދޫ ހެލްތު ސެންޓަރަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ކާށިދޫއަށް ވަޑައިގެންނެވުމުގެ ކުރިން، ސަން އައިލެންޑް ރިސޯޓަށް ވަޑައިގެން އެ ރިސޯޓުގައި މިހާރު ކުރިޔަށްދާ "2022 ވޮލީބޯލް ވާރލްޑް ބީޗް ޕްރޯ ޓުއަރ – މޯލްޑިވްސް ޗެލެންޖް" ގެ މެޗުތައް ބައްލަވައި ލައްވައި، އެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ .
މި މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ މުބާރާތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ކާށިދޫއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

.jpeg?w=3840&q=75)




.jpeg?w=3840&q=75)



-1786972426717.jpeg?w=3840&q=75)

