







ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ.ކާށިދޫގައި ކުރިއަށްގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ހެލްތް މިނިސްޓްރީ
އަމާޒަކީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރުމަށް ކ.ކާށިދޫގައި ކުރިއަށްގެންދާ އިސްރަށްވެހިންގެ ސައްލާ ފެށުމުގެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވައި ދެއްކި ވާހަކަގައި މެޑަމް ސާޖިދާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ދާއިރާ ދަތުރުކުރަމުންދަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ރާއްޖެއެއް ބިނާކުރުމުގެ އަމާޒަށް ކަމަށެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ އިންސާނަކަށް މުހިންމު ބަހާއެއް ކަމާއި، ވަކިން ހާއްސަކޮށް އިސްރަށްވެހިންގެ ނަފްސާނީ އުފާވެރިކަމަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންޖެހޭކަމާއި، އިސްރަށްވެހިންނަކީ ގައުމުގެ އެންމެ އިއްޒަތްތެރި އަދި ގަދަރުކުރެވޭ ފަރާތްތަައް ކަމަށެވެ. އަދި އެއީ ޤައުމު މި ހިސާބަށް ގެނައުމުގެ އެންމެ ބޮޑު ގުރުބާނީއެއްވެ، ޤައުމު ބިނާކުރާނެ ޒުވާން ޖީލުތައް ބިނާކޮށް ހިދުމަތުގެ މައިދާނަށް ހަދިޔާކުރި ފަރާތްތައް ކަމަށް މެޑަމް ފާހަގަކުރެއްވި އެވެ.
އިސްރަށްވެހިންނަކީ ގައުމުގެ ހަރުދަނާ ތަނބުތައް ކަމަށާއި، އެފަރާތްތަކަށް ކަމޭހިތުމަކީ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމެއްކަން ފާހަގަކޮށް މެޑަމް ސާޖިދާ ވިދާޅުވީ އިސްރަށްވެހިންގެ ރައްކާތެރިކަމާބެހޭ ހުރިހާ ދާއިރާއަކަށް ޚާއްސަ ފަރުވާއެއް ބަހައްޓަންޖެހޭކަމަށާއި، ހާއްސަކޮށް އެ ފަރާތްތަކުގެ ނަފުސާނީ، ޖިސްމާނީ އަދި އިޖުމާއީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ."އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް އުފާވެރިކަމާއި ހިނުތުންވުން ލިބިފައިވާ ދިވެހިރާއްޖެއެއް. އަޅުގަނޑުމެން ދެކެން ބޭނުންވަނީ އިސްރަށްވެހިންނަށް ދުޅަހެޔޮ ހަޔާތެއް ފަހިވެފައިވާ ތަހުޒީބު ދިވެހިރާއްޖެއެއް. އިރާދާކުރެއްވީތީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މުސްތަގުބަލު ދަތުރުކުރަމުންދަނީ މިއަމާޒަށް. ވަކި ޚާއްސަކޮށް އިސްރަށްވެހިންގެ މަރުކަޒުތައް މި ފާއިތުވި ދެތިން އަހަރު ތެރޭގައި މިދަނީ ހުޅުވެމުން. އެ މަރުކަޒުތަކުގައި މިހާރުވެސް އަގުހުރި އެތައް ހަރަކާތްތަކެއް އެބަ ހިންގޭ. އިސްރަށްވެހިންނަށް އުފާވެރިކަން ގެނެސްދޭ އެތައް ވަގުތުތަކެއް އެތަންތާގައި އެބަ ހޭދަކުރެވޭ. ކުރިއަށް އޮތްތާގައި އެ މަރުކަޒުތަކުގެ ދައުރު ފުޅާވެގެންދާނެކަން ޔަޤީން." މެޑަމް ސާޖިދާ ވިދާޅުވި އެވެ.
މީގެއިތުރުން އެކަމަނާ ވަނީ އިސްރަށްވެހިންގެ ސައްލާފަދަ ބައްދަލުވުންތަކުގެ ސަބަބުން އިސްރަށްވެހިންނަށް ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ ގޮތުން އިތުރު މައުލޫމާތުތައް ދީ މަޝްވަރާކޮށް، އެފަދަ ކަންކަމުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަން ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖޭގައި ގާއިމުކުރާ އިސްރަށްވެހިންގެ މަރުކަޒުތަކާއެކު އެފަރާތްތަކުގެ އެކަނިވެރިކަން ފިލައި، ނަފުސާނީ ދުޅަހެޔޮކަމަށް ހެޔޮ ބަދަލު އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވި އެވެ.
މެޑަމް ވަނީ އިސްރަށްވެހިންނަށް ނަފްސާނީ ހިތްހަމަޖެހުމާއި ރޫހާނީ އުފާވެރިކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާފަ އެވެ.






