



.jpeg?w=3840&q=75)




ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސިވިލް ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ސިވިލް ސަރވިސް ކޮމިޝަނުން ހިންގި "މަންތުލީ ސްޕެޝަލް ޕްރޮގްރާމް 2026" ނިންމި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ.
މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަދައްކަވާފައެވެ.
ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުގައި ސިވިލް ސަރވިސްއަކީ ޚިދުމަތްދޭ ތަނެއް ކަމަށާއި، ޚިދުމަތް ހޯދަން އަންނަ މީހާއަށް ވީހާވެސް ހިތްހަމަޖެހޭ ގޮތަކަށް ކެތްތެރިކަމާއެކު އެމީހަކަށް އޮޅުން ނާރާގޮތަށް ކަންކަން އޮޅުންފިލުވައިދީ، އެމީހަކު ހަނދާން ހުންނަ ވަރުގެ ޚިދުމަތެއް ފޯރުކޮށްދެވޭތޯ ކޮންމެ މުވައްޒަފަކު ވެސް މަސައްކަތްކުރަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރވިސް އެކްސެލެންސީގެ ތެރޭގައި ހިމެނިގެން އަޅުގަނޑުމެން ދަސްކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޝަރަފުވެރި މެހެމާނު ވިދާޅުވިއެވެ.
ޝަރަފުވެރި މެހެމާނު ވިދާޅުވީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ބައްޓަންކުރަންވާނީ އަޅުގަނޑުމެންނަކީ ޚިދުމަތްދޭ ބައެއްކަން ޤަބޫލުކޮށްގެން ތިބެ ކަމަށާއި، ކުރާ ކޮންމެ ކަމެއްގައި ވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަން އިސްކުރަންވާނެ ކަމަށެވެ. އެހެންކަމުން ތެދުވެރިކަމާއި އިޚްލާޞްތެރިކަމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސިއްރު ހިފަހައްޓަންޖެހޭ މަޢުލޫމާތުތަކުގައި ސިއްރު ހިފަހައްޓައި، ހާމަކުރަންޖެހޭ މަޢުލޫމާތުތައް ވީހާވެސް ބޮޑަށް އޮޅުންފިލާނެހެން ހާމަކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށްވެސް ޝަރަފުވެރި މެހެމާނުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.
ތިން ދުވަހުގެ މުއްދަތަކަށް ހިންގި މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އެވެ.
މި ރަސްމިއްޔާތުގައި މި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ނާޞިހް އާއި ކޮމިޝަންގެ މެންބަރު ފާޠިމަތު ޙަބީބާއާއި ޑރ. ދީބާ މޫސާ އަދި ޑރ. ޙުސައިން ފާއިޒް އެވެ.
ދާރުލްއާސާރުގެ ޓްރެއިނިންގ ހޯލްގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދީފައި ވަނީ މަސައްކަތު މާހައުލުގައި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ނަމޫނާ ޚިދުމަތެއް ދިނުމުގެ ސަގާފަތެއް އަށަގެންނެވުމާ ބެހޭގޮތުންނާއި މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމާ ބެހޭގޮތުންނާއި އަދި މަސައްކަތުގެ މާހައުލުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ބެހޭގޮތުންނެވެ.
ސިވިލް ސަރވިސް ކޮމިޝަނުން މި ތަމްރީނު މިއަހަރު ތެރޭގައި ހަތް މިނިސްޓްރީއެއްގައި ހިންގާފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަނުން މި ވުޒާރާގެ މުވައްޒަފުންނަށް ހިންގި ތިން ދުވަހުގެ މި ތަމްރީނުގައި 75 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ އިތުރުން އެ ކޮމިޝަނުގެ މެންބަރުންނާއި ބައެއް އިސްވެރިންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.




.jpeg?w=3840&q=75)