


.jpeg?w=3840&q=75)





މިނިސްޓަރ ރާފިއު މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާ އައިހަމްއަށް އެވޯޑް ހަވާލުކޮށްދެއްވަނީ... ފޮޓޯ: ގާފު ސްޕޯޓްސް
އަށް އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެވޯޑް ނައިޓްގައި މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް ހޯދިއިރު، އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ފާތިމަތު ޝާލިޔާ އެވެ.
2018 ވަނަ އަހަރުގެ ފަހުން ބޭއްވި އެފްއޭއެމްގެ ފުރަތަމަ އެވޯޑް ހަފްލާގައި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކަށް ހޮވުނު އައިހަމް ވަނީ މިދިޔަ ސީޒަނުގައި މާޒިޔާ އިން ދިވެހި ޕްރެމިއާ ލީގު ކާމިޔާބުކުރުމުގައި، މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވުނު ޝާލިޔާ ވަނީ މިދިޔަ ސީޒަނުގެ އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގުގެ ދެވަނަ އޮޑި ސްޕޯޓްސް ކްލަބަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.
މީގެ އިތުރުން މިހަފްލާގައި ދީފައިވާ ފުޓްބޯޅައިގެ އިތުރު އެވޯޑްތަކުގެ ތެރޭގައި އެންމެ އުންމީދީ ކުޅުންތެރިޔަކީ މާޒިޔާގެ މުހައްމަދު އިލާން އިމްރާނެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަންބޫޓް ކާމިޔާބުކުރީ ނިއުރޭޑިއަންޑްގެ އަލީ ފާސިރު އެވެ. ފާސިރު ވަނީ މިދިޔަ ސީޒަނުގައި ޖުމްލަ 22 ލަނޑު ކާމިޔާބުކޮށްފައެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ގޮމޭޒް ޑަ ސިލްވާއެވެ. ސިލްވާ ވަނީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.
އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މުހައްމަދު ފައިސަލްއެވެ. އަދި މިދިޔަ ސީޒަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މާޒިޔާއަށް މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު، ލުއިސްމާ ހެނާންޑޭޒްއެވެ.
މީގެ އިތުރުން މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލަކަށް ހުސައިން ނިޔާޒް (ބޮކުރީ) ކާމިޔާބުކުރި ގޯލެއް ހޮވުނުއިރު،އެންމެ މޮޅު ރީޖަނަލް ކްލަބަކަށް ހޮވުނީ މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބެވެ. އަދި އެންމެ މޮޅު ކްލަބުގެ މަގާމު ލިބުނީ ދިވެހި ޕްރެމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބަށެވެ.
މީގެ އިތުރުން މިހަފްލާގައި ވަނީ، ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގު ވަޒަންކޮށް، ހާއްސަ ޓޯކެންއެއް ވެސް ދީފައެވެ.







.jpeg?w=3840&q=75)
