


.jpeg?w=3840&q=75)





ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ޓެރަރިޒަމްގެ ނުރައްކާތެރި ޢަމަލުތަކަކީ އަބަދުވެސް ދަޢުލަތުންނާއި ޢާންމު ރައްޔިތުން އެކަމާމެދު ނުހަނު ކަންބޮޑުވާ ކަންކަމެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތެރޭގައި ތ. ތިމަރަފުށީގައި ޓެރަރިސްޓް ޙަމަލާއެއް ދިނުމަށް ރޭވިކަމަށް ތުހުމަތުކުރެވުނު މައްސަލައަކީ މުޅި ރާއްޖޭގެ ސަމާލުކަން އެކަމަކަށް ހުއްޓުނު ނުރައްކާތެރި މައްސަލައެކެވެ. މި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދަޢުލަތުން 7 ދަޢުވާއެއް އުފުލައި، ދިގުދެމިގެންދިޔަ ޝަރީޢަތުގެ މަރުޙަލާއަކަށްފަހު ކްރިމިނަލް ކޯޓުން މިހާރު ވަނީ ޙުކުމް އިއްވާފައެވެ.
މި މައްސަލައާ ގުޅިގެން ދަޢުލަތުން 8 ފެބުރުވަރީ 2021 ގައި ކޯޓަށް މައްސަލަ ހުށަހަޅައި ދަޢުވާ އުފުލީ ތ. ތިމަރަފުށީ ފެހިވިދުވަރުގެ ޢަބްދުﷲ ޝަރީފް (34އ)، އަސްރަފީވިލާ އަޙްސަން މުޙައްމަދު (32އ)، ކެނެރީގެ ޢަލީ މުނީޒް (28އ)، އަސުރުމާގެ މުޙައްމަދު އާޞިރު (34އ)، ސައިމާގެ ޝަމާޚު ޝަރީފް (20އ) ގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ ޢަލީ އަރުހަމް މުޙައްމަދު (18އ)، ނ. ކުޑަފަރި ރޯޒްމީޑު އިބްރާހިމް ލޫޠު އަދި ރ. މަޑުއްވަރި ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.
މި މީހުންގެ މައްޗަށް އެކި ބާވަތުގެ ހަތް ދަޢުވާއެއް އުފުލުނެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ދަޢުވާ ހިމެނެއެވެ. އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމާއި، ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމާއި، ހަނގުރާމައަށް ދާން އުޅުމުގެ އިތުރުން ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާވެސް ހިމެނެއެވެ. މި މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ 2026 ޖަނަވަރީމަހުގެ ތެރޭގައެވެ.
ޝަރީޢަތުގެ އަޑުއެހުންތަކަށްފަހު ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި، ދަޢުލަތުން ހުށަހެޅި 7 ދަޢުވާގެ ތެރެއިން ސާބިތުވެފައިވަނީ އެންމެ 3 ދަޢުވާއެކެވެ. ފުރަތަމަ ކަމަކަށް، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދުކުރުމުގެ ދަޢުވާ ޢަބްދުﷲ ޢިމާދު، ޢަލީ މުނީޒް އަދި ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ސާބިތުވިއެވެ. މި ކުށާ ގުޅިގެން ޢިމާދު 3 އަހަރަށް، މުނީޒް 1 އަހަރާއި 9 މަހާއި 1 ދުވަހަށް، އަދި އަރުޙަމް 3 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ދެވަނަ ކަމަކަށް، ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ދަޢުވާ ސާބިތުވެ، 5 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. ތިންވަނަ ކަމަކަށް، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ ޢިމާދާއި ލޫޠުގެ މައްޗަށް ސާބިތުވެ، ކޮންމެ މީހަކު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކަނޑައެޅިއެވެ.
ނަމަވެސް، ޢަލީ އަރުޙަމް ފިޔަވައި ދެން ތިބި ހުރިހާ މީހުން ޝަރީޢަތް ނިމުނުއިރު ބަންދުގައި ހޭދަކުރި މުއްދަތު، ޙުކުމްކުރި މުއްދަތަށްވުރެ އިތުރުވުމާ ގުޅިގެން، އެ މީހުން ތަންފީޒުކުރަންޖެހޭ އަދަބެއް ނެތުމުން މިހާރު ވަނީ ބަންދުން މިނިވަންވެފައެވެ. އެހެންކަމުން މި މައްސަލައިގައި މިހާރު ބަންދުގައި ހުރީ ހަމައެކަނި ޢަލީ އަރުޙަމް މުޙައްމަދެވެ.
މި މައްސަލައިގައި އެންމެ ބޮޑެތި ތުހުމަތުތައް އެކުލެވޭ ދަޢުވާތައް ކަމުގައިވާ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމާއި، ހިތްވަރު ދިނުމާއި، އުކުޅުތައް ދަސްކުރުން އަދި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ދަޢުވާތައް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމަވާފައެވެ. މި ދަޢުވާތައް ސާބިތުނުވި މައިގަނޑު ސަބަބެއް ކަމަށް ކޯޓުން ފާހަގަކުރެއްވީ، ހެކީގެ ގޮތުގައި ހުށަހެޅުނު މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާމެދު ޝައްކު އުފެދިފައިވުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގައި ހެއްކަކީ އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީންކަން އޮންނަންޖެހޭ އެއްޗަކަށް ވާތީ، ޝައްކުގެ ފައިދާ ލިބުނީ ދަޢުވާލިބުނު ފަރާތްތަކަށެވެ.
ތިމަރަފުށީ ޓެރަރިޒަމްގެ މައްސަލައަކީ ތަޙުޤީޤީ އިދާރާތަކުން ހެކި ހޯދުމާއި އެ ހެކި ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަވެގެންދިޔަ މައްސަލައެކެވެ. ސާބިތުނުވި ދަޢުވާތަކާމެދު އިސްތިއުނާފުކުރުމުގެ ވިސްނުން ޕީޖީ އޮފީހުން ގެންގުޅޭއިރު، މިފަދަ ނާޒުކު މައްސަލަތަކުގައި ހެކީގެ ބުރަދަން ހިފެހެއްޓުމަކީ ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށާއި ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.



.jpeg?w=3840&q=75)
