





.jpeg?w=3840&q=75)


ދައުލަތުގެ މުއައްސަސާތައް ހަމައެކަނި އުފެދިފައި ތިބުމުން ފުއްދާލެވެން ނެތް ކަމަށާއި އެ ތަންތަނުން ކުރާ މަސައްކަތްތަކުން ރައްޔިތުންނަށް ފާގަތިކަމާއި އުފާވެރިކަން ގެނެސްދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރުޝާގައި ބާއްވާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރު ކުރައްވަމުންނެވެ.
އަބްދުއްރަހީމް ވަނީ ޤާނޫނު ހަދާ މަޖިލިސްތަކަކީ ރައްޔިތުންގެ އަޑުއަހާ، އެންމެންގެ ބައިވެރިވުން ހިމެނޭ ފަދަ ހުޅުވާލެވިފައިވާ މުއައްސަސާތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މަޖިލިސްތަކުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ކުރިއަށްގެންގޮސް ޖަވާބުދާރީވުން އިތުރުކޮށްގެން މޫނުބުރަ ނެތް އިތުބާރެއް އާންމުންގެ މެދުގައި އުފެދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ސަރީހަ ހެކިތަކުގެ މައްޗަށް ބިނާކުރުމާއެކު، މައުލޫމާތު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދީގެން މުޖުތަމަޢު ބާރުވެރިކުރުވުމަކީ ހެޔޮވެރިކަމެއްގެ އަސާސްތައްކަން ފާހަގަކުރެއްވިއެވެ. އަދި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި ބައިނަލްއަޤްވާމީ މައިދާނުގައި އައިޕީޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ މަޖިލިސްތަކާއެކު ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.







.jpg?w=3840&q=75)