





ކުށްކޮށްގެން ހޯދާ މުދާ، ދައުލަތަށް ނެގުމާ ގުޅޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މި ބިލު ހުށަހެޅުއްވި ސަބަބެއް ކަމުގައި ބުނެފައިވަނީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ މީހުން، އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުހައްގުން ހޯދާ އެފަދަ މުދާ އެ މީހުންގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމެވެ.
ބިލުގައިވާގޮތުން ކުށް ކޮށްގެން ހޯދާ މުދަލާއި ކުށް ކުރަން ބޭނުންކުރާ މުދާވެސް ދައުލަތަށް ނެގޭނެއެވެ. ދައުލަތަށް މުދާ ނެގޭނެ ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކާއި މީހަކު މެރުމާއި މަސްތުވާތަކެއްޗާއި މީހުންނާއި ހަތިޔާރު ޓްރެފިކް ކުރުމާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށާއި ކައުންޓަރފިޓްކުރުމާއި ކޮރަޕްޝަނާއި އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތައް ހިމެނެއެވެ.
މި ބިލުގައިވާ ގޮތުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތެރެއިން 500،000 ރުފިޔާއިން މަތީ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ފޭރުމާއި ވައްކަމާއި ހިޔާނާތާއި މުދާ ސްމަގަލް ކުރުންފަދަ ކުށްތަކުގެ ތެރެއިން 100،000 ރުފިޔާއިން މަތީގެ ފައިސާގެ އަދަދު ހިމެނޭ ކުށްތަކާއި ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މިފަދަ ކުށްތައް ކުރީ ރާއްޖޭން ބޭރުގައިކަމަށް ވިޔަސް އަދި މި ކުށް ކުރީ މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިންކަމުގައިވީނަމަވެސް އައު ގާނޫނުގެ ތެރެއިން ފިޔަވަޅު އެޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކުށުގެ ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުވިޔަސް ނުވަތަ ނުވިޔަސް މުދާ ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ދައުލަތަށް މުދާ ނެގުމުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އިރުޝާދުތަކަށް ތަބާވާންވާނެކަމަށް ބުނެފައިވެއެވެ.
މި ބިލު ފާސްވެ، ޤާނޫނަށް އަމަލުކުރާތާ 30 ދުވަހުގެ ތެރޭގައި "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" ގެނަމުގައި ސަރުކާރުގެ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. މި އިދާރާގެ ޒިންމާއަކީ ދައުލަތަށް ނޭގޭ މުދާ ރައްކާތެރިކަމާއެކު ބަލަހައްޓައި، އަގުމަގުކުރުމާއި ދަފްތަރު ކުރުމާއި އަދި ކުށުގެ ޝިކާއަރައަށްވާ މީހުންނަށް ބަދަލު ދިނުމަށް ހުށަހެޅުމުން އެ ބަދަލު ދިނުމުގެ ކަންކަން ކުރުމެވެ. މި އިދާރާއަކީ މާލީ ވުޒާރާގެ ދަށުން މަޖިލީހަށް ޖަވާބުދާރީވާގޮތަށް އުފައްދާ މިނިވަން އިދާރާއެކެވެ.
މި ޤާނޫނަށް އަމަލުކުރާތާ 60 ދުވަހުގެ ތެރޭގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު ކުށްކުރުން ހުއްޓުވުމަށާއި ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލު ދިނުމާ ގުޅޭ ޚަރަދުތައް ބެލެހެއްޓުމަށް "ރިކަވަރޑް އެސެޓް ފަންޑެއް" ޤާއިމުކުރާނެއެވެ. މީގެ އިތުރުން ބިލުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި ކަންކަމުގައި އެހެން ޤައުމުތަކުގެ އެހީތެރިކަމަށް އެދުމުގެ ބާރުވެސް މި ބިލުން ޕްރޮސެކިއުޓަރ ޖެނެރަލަށް ލިބިގެންވެއެވެ.


