



.jpg?w=3840&q=75)




-
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެމެރިކާގެ ވެރިރަށް ވޮޝިންގޓަނަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފި އެވެ.
މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމާއި، ޓައިވާންގެ މައްސަލަ އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅޭގޮތުން ބާއްވާ މުހިންމު މަޝްވަރާތަކަކަށް ރައީސް ޝީ އެމެރިކާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
ރައީސް ޝީގެ މަތިންދާބޯޓު ވޮޝިންގޓަންގެ ޖޮއިންޓް ބޭސް އެންޑްރޫސްއަށް ޖެއްސުމާއެކު، ރައީސް ޓްރަމްޕް ވަނީ އަމިއްލަފުޅަށް އެއާޕޯޓަށް ވަޑައިގެން އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މިއީ ވޭތުވެދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ރައީސަކު އަސްކަރީ މަރުކަޒަކަށް ވަޑައިގެން ބޭރުގެ ޤައުމެއްގެ އިސްވެރިޔަކަށް މަރުޙަބާ ދެންނެވި ފުރަތަމަ ފަހަރެވެ.
މި ރަސްމިއްޔާތުގައި އަސްކަރީ ބޭންޑުގެ ކުޅުމާއި، ބަޑީގެ ސަލާމުގެ އިތުރުން ބީ-1 މަރުކާގެ އަސްކަރީ ބޮންއަޅާ ބޯޓެއްގެ ފްލައިޕާސްޓެއް ވަނީ ބާއްވާފައެވެ.
މި ޒިޔާރަތާ ގުޅިގެން ރައީސް ޝީ ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޗައިނާއާއި އެމެރިކާއަކީ ވާދަވެރިންގެ ބަދަލުގައި އެކަކު އަނެކަކަށް އެއްބާރުލުންދޭ ބައިވެރިންނަށް ވާންޖެހޭ ކަމަށެވެ. އަދި ޗައިނާގެ ޤައުމީ ކުރިއެރުމާއި، އެމެރިކާ އަލުން ވަރުގަދަ ކުރުމުގެ ތަޞައްވުރު އެކުއެކީގައި ކުރިއަށް ގެންދެވިދާނެ ކަމަށާއި، އޭގެ ފައިދާ މުޅި ދުނިޔެއަށް ކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅާ ދިމާކޮށް، ދެ ޤައުމުގެ ދެމެދުގައި ކުރިން ޤާއިމުކޮށްފައިވާ "ބޫސާން އެގްރީމެންޓް" ގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހާމަކުރެއްވި ގޮތުގައި، ނޮވެމްބަރު 10 އަށް ހަމަވާން އޮތް މި ވިޔަފާރީގެ އެއްބަސްވުން މިހާރު ވަނީ އަންނަ އަހަރުގެ ޖެނުއަރީ 10 އާ ހަމައަށް ދަންމާލާފައެވެ. މީގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި ބޮޑެތި ޓެރިފްތައް އެޅުވުން ވަގުތީގޮތުން ހުއްޓި، އިތުރު ބޮޑު އެއްބަސްވުމަކަށް ދިއުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ރައީސް ޝީގެ މި ދަތުރުފުޅުގައި އެމެރިކާގެ ޓެކްނޮލޮޖީ ދާއިރާގެ އިސްވެރިން ބައިވެރިވާ ޚާއްޞަ ޖާފަތެއްގެ އިތުރުން، ވައިޓް ހައުސްގައި ބާއްވާ އަސްކަރީ ރަސްމިއްޔާތާއި ނޭޝަނަލް އާކައިވްސްއަށް ޒިޔާރަތްކުރެއްވުން ހިމެނެއެވެ.
އަދި ދެ ޤައުމުގެ ލީޑަރުންގެ ރަސްމީ ބައްދަލުވުމުގައި ވިޔަފާރީގެ އިތުރުން މެދުއިރުމަތީގެ މަސްރަޙާއި، ޓައިވާނުގެ މައްސަލައާއި، އޭއައި ޓެކްނޮލޮޖީގެ ރޮނގުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށް ބެލެވެއެވެ.




.jpg?w=3840&q=75)



