







ޑޮލަރުގެ އަގާއި ތަކެތީގެ އަގު ދަށަށް ނުދާތާނގައި ޑޮލަރު ގަންނަންވެސް މިހާރު ނުލިބޭ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޑޮލަރުގެ ބްލެކްމާކެޓް ހުއްޓުމަކަށް ގެނެސް ޑޮލަރުގެ އަގު ދަށްކުރުމަށް ސަރުކާރުގެ މާލީ ނިޒާމަށް ބަދަލު ގެނައުމަށްޓަކައި ސަރުކާރުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެނައި ބަދަލުން ޑޮލަރުގެ އަގަށް ބަދަލު އަންނަމުން ނުދާކަން ތަކުރާރުކުރައްވާފައެވެ.
އެގޮތުން ގާނޫނުތަކާއި ގަވައިދުތަކަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ތަކެތީގެ އަގު އުފުލުން ހުއްޓުމަކަށް ނާންނަ ކަމަށާއި ތަކެތީގެ އަގު ކުޑަ މިންވަރަކަށް ވެސް ދަށްވެފައި ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން ޑޮލަރުގެ އަގު އަދިވެސް ހުރީ 20 ރުފިޔާ އާއި 21 ރުފިޔާގައި ކަމަށާއި ރަޖިސްޓްރީކޮށް ހިންގާ މަނީ އެކްސްޗޭޖްތަކުން ޑޮލަރު ވިއްކަން ގާނޫނުން ލާޒިމް ކޮށްފައިވާ އަގަށް ޑޮލަރު ވިއްކައިގެން ވިޔަފާރީގެ ގޮތުގައި ދެކޮޅު ނުޖެހޭތީ އެ ތަންތަނުން މިހާރު ޑޮލަރު މާރު ނުކޮށްދޭ ކަމަށް ވެސް ވިދާޅުވިއެވެ.
ބޭރުގެ ޓުއާ އޮޕަރޭޓަރުން ޓެކްްސް ދައްކަން ޖެހޭގޮތަށް ގާނޫނަށް ގެނައި ބަދަލުތަކާމެދުވެސް ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުރައްވާފައެވެ.



