



%20(1).jpg?w=3840&q=75)

.jpeg?w=3840&q=75)


-
ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ތަންކޮޅެއް ބޭރުގެ އިންވެސްޓަރަކަށް ނުވިއްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު ދެއްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ބިމުން އެންމެ އަކަފޫޓެއްވެސް ބޭރުގެ އެއްވެސް ފަރާތަކަށް ނުވިއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް މި މަޝްރޫޢު އަބަދުވެސް ކުރިއަށްދާނީ ސަރުކާރުގެ އެ އުޞޫލުތަކުގެ މަތީގައި ކަމަށެވެ. އަދި ރާއްޖެއަށް އަންނަ ކޮންމެ އިންވެސްޓަރަކުވެސް ޢަމަލުކުރަންޖެހޭނީ ސަރުކާރުގެ މި ހަރުދަނާ ސިޔާސަތަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގައި މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނީ އިމުގެ ތެރެއިންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތައް ދޫކުރާ އުޞޫލުން ރަސްމާލޭގައިވެސް ޢަމަލުކުރާނީ އެ އުޞޫލާ އެއްގޮތަށް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ޒަރީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް ބިން ދޫކުރި ނަމަވެސް އަދި އެ ސަރަޙައްދުގައި ހޮސްޕިޓަލްތަކާއި ލަގްޒަރީ ޕްރޮޕަޓީތައް ތަރައްޤީކޮށްގެން ވިއްކި ނަމަވެސް، ވިއްކާނީ އެ ޕްރޮޕަޓީއެއް ހުރި ބިމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ވިއްކާނީ ހަމައެކަނި އެ ތަނެއްގެ "ލީޒް ރައިޓްސް" (ކުއްޔަށް ހިފުމުގެ ޙައްޤު) ކަމަށާއި، ބިމުގެ އަސްލު މިލްކުވެރިކަން އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އުޞޫލުގެ ސަބަބުން ދައުލަތުގެ މިލްކުވެރިކަމާއި ޤައުމީ ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރެވިގެންދާއިރު، ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށް ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ފުރިހަމަ އިތުބާރާއެކު އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.




%20(1).jpg?w=3840&q=75)



