





.jpg?w=3840&q=75)


ރަސްމާލޭގައި ހިންގާ 20 ބިލިއަން ޑޮލަރުގެ މަޝްރޫއުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމުގައި ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވަނީ މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރެވެނީ ހަމައެކަނި ވޯޓަރފްރަންޓާއި މެރީނާއެއް ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ސީދާ ފައިދާކުރާނެ ގިނަ ކަންތައްތަކެއް ހިމެނިފައިވާ މަޝްރޫއެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މިއީ ރާއްޖޭގެ މުޅި ޖީޑީޕީއަކީ ގާތްގަނޑަކަށް 7.7 ބިލިޔަން ޑޮލަރުކަމަށާއި އަބޫދާބީ ކުންފުންޏާއެކު ގާއިމްކުރި 20 ބިލިޔަން ޑޮލަރުގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ޖީޑީޕީއަށްވުރެ ގާތްގަނޑަކަށް 3 ގުނަ ބޮޑު އިންވެސްޓްމަންޓެއްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި މުޅިން އައު ހަރުފަތަކަށް އުފުލި، ޤައުމުގެ އިޤްތިޞާދީ މަންޒަރު އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އީގަލް ހިލްސްއިން 500 މިލިޔަން ޑޮލަރު ޚަރަދުކޮށްގެން ދިވެހި ރައްޔިތުންނަށް އެކި ފެންވަރުގެ 5000 ހައުސިންގ ޔުނިޓް ތަރައްޤީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި 5000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެކަން ހާމަކުރައްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސަރުކާރުން އެންމެ ބޮޑަށް ބޭނުންވަނީ ހުޅުމާލޭގައި ކަމަށެވެ.








