
.jpeg?w=3840&q=75)







-
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ޓޯކުރުމަށްފަހު، ވެރިފަރާތަށް ދިން މުއްދަތުގައި ޙަވާލުނުވުމުން ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް ކުނީގެ ގޮތުގައި ތިލަފުއްޓަށް ނައްތާލަން ގެންދަން އުޅުނު ވެހިކަލްތަކެއް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ދައުރުވާ ވީޑިއޯއަކީ އެ އުޅަނދުތައް ނައްތާލުމަށްޓަކައި ކުނީގެ ގޮތުގައި ތިލަފުއްޓަށް ގެންދިއުމަށް، ހުޅުމާލެ ދެވަނަ ފިޔަވަހިން ފުލުހުންނަށް އަލަށް ހަމަޖެހުނު ޓޯޔާޑުގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު ކަމަށެވެ. އަދި އެ ވެހިކަލްތަކަކީ ޤާނޫނީ ހަމަތަކުގެ މަތިން ނައްތާލުމުގެ ހުއްދަ ލިބިފައިވާ ތަކެތި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އާންމުވި އެ ވީޑިއޯގައި ފުލުހުންތަކެއް ޕިކަޕަކުން ސައިކަލުތަކެއް ބިންމައްޗަށް ވައްޓާލާތަން ފެނުމާއެކު، އާންމުންގެ މުދަލަށް އެފަދަ ގޮތަކަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ކުރިން އޮންނަ ގޮތުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްގެން ޓޯކުރާ ވެހިކަލްތަކާ ޙަވާލުވުމަށް ވެރިފަރާތަށް ވަކި މުއްދަތެއް ދޭންޖެހެއެވެ. އަދި އެ މުއްދަތުގައި ޙަވާލުނުވެއްޖެނަމަ، އެ ތަކެތި ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިދެއެވެ.
ނަމަވެސް، އަލަށް އެކުލަވާލި އެއްގަމު ދަތުރުފަތުރުގެ އައު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެގޮތަށް ޓޯކުރާ އުޅަނދުތައް ވަކި މުއްދަތެއް ފަހުން ނީލަން ކިޔުމުގެ ފުރުޞަތު އޮވެއެވެ. އަދި އެކަން ކުރުމަށްޓަކައި ފުލުހުން އެ އުޅަނދުތައް ޙަވާލުކުރަން ޖެހެނީ ޓްރާންސްޕޯޓް މިނިސްޓްރީގެ މާލެއަށް ޚާއްޞަ އޮފީހާއެވެ.

.jpeg?w=3840&q=75)






