


.jpg?w=3840&q=75)




މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ މަޝްވަރާގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 35/2025 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ޤަރާރަށް އިޞްލާޙު ގެންނަވައިފިއެވެ. އެ ގޮތުން، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓުގެ ނަންބަރު 1 ގައި ހިމެނޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާކުރުން 1 ޖޫން 2021 އިން 1 ޖޫން 2031 އަށް ބަދަލުކުރުމާއި މި ތަކެތި ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުން 19 ޑިސެންބަރު 2022 އިން 19 ޑިސެންބަރު 2031 އަށް ފަސްކުރެއްވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.
މީގެއިތުރުން ލިސްޓުގެ ނަންބަރު 13 ގައި ހިމެނޭ 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި، 500މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުން މަނާކުރާ ތާރީޚު 1 ޑިސެންބަރު 2029 އަށް ފަސްކޮށް އަދި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު 1 ޖޫން 2030 އަށް ފަސްކުރެއްވުމަށް ވެސް ވަނީ ކަނޑައަޅުއްވައިފައެވެ.
މީގެ އިތުރުން، ލިސްޓުގެ ނަންބަރު 14 ގައި ކުރިން ބަޔާންކޮށްފައި އޮތް ޕްލާސްޓިކް ފުޅީގެ ސައިޒު 500 މިލިލީޓަރުން 250 މިލިލީޓަރަށް ބަދަލުކޮށް، 250 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ، ތައްޔާރީ ބުއިންތައް (ފެން ފިޔަވައި) މިއަދުން ފެށިގެން ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ކަނޑައަޅުއްވައި، އެ ލިސްޓުވަނީ އިޞްލާޙުކުރައްވައިފައެވެ.
ބުނެވިދިޔަ އިޞްލާޙުތައް، ޤަރާރު ނަންބަރު 15/2026 (ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން) ގައި ހިމަނުއްވައި، މިހާރު ވަނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.



.jpg?w=3840&q=75)


