
އެޑް ޝީރަން
އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ލޫޕް ޓުއާ" އިން ރެޕް ލަވަކިޔުންތެރިޔާ މެކްލެމޯރ ބޭރުކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށްފަހު، ފިލަޑެލްފިއާގައި ބޭއްވި ކޮންސެޓެއްގައި އެޑް ޝީރަން ވަނީ ޣައްޒާގެ ހާލަތަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ފުރަތަމަ ފަހަރަށް ފާޅުގައި ވާހަކަދައްކާފައެވެ.
އޭނާ ބުނީ ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ކާރިސާއެއް ކަމަށާއި، އެއީ އެއްވެސް އިންސާފެއް ނެތް އަނިޔާވެރި އަމަލުތަކެއް ކަމަށެވެ. އަދި އާންމު ރައްޔިތުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާތީ ހިތްހަލާކުވާކަމަށް އޭނާ ބުންޏެވެ.
މެކްލެމޯރ ޓުއާއިން ވަކިކުރުމާ ގުޅިގެން ފިނިއަސް ހިމެނޭހެން އެހެން ހަތަރު ފަންނާނަކާއި އެޑް ޝީރަންގެ ބޭންޑުން ވެސް ވަނީ ފަލަސްތީނާ އެއްކޮޅަށް ތެދުވެ ޓުއާ ދޫކޮށްލާފައެވެ. މީގެ ސަބަބުން ފިލަޑެލްފިއާގެ ޝޯ އޭނާ ފެށީ އެކަނި ސްޓޭޖަށް އަރައެވެ. ފަހުން އޭނާ ވަނީ އައު ފަސް މިއުޒީޝަނުންނާއެކު ޝޯ ކުރިއަށް ގެންގޮސްފައެވެ.
މި ޝޯ ފެށުމުގެ ކުރިން ސްޓޭޑިއަމްގެ ބޭރުގައި ފަލަސްތީނަށް ސަޕޯޓުކުރާ ގިނަ ބަޔަކު ވަނީ އެއްވެފައިއެވެ. މީގެ އިތުރުން، އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ޕީއޭސީބީއައި އިން ވަނީ އެޑް ޝީރަންގެ މުޅި ވޯލްޑް ޓުއާ ބޮއިކޮޓް ކުރުމަށް ފަންނާނުންނާއި އާންމުންނަށް ގޮވާލާފައެވެ.












