
.jpeg?w=3840&q=75)







އޯރްހާން އަވަތްރަމާނީ (އޮރީ)
އިންޑިއާގެ މަޝްހޫރު ތަރިންނާއެކު އަބަދުވެސް ފެންނަ، އަދި ފެޝަނާއި މުއްސަނދި ދިރިއުޅުމުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ އޯރްހާން އަވަތްރަމާނީ (އޮރީ) ގެ ލައިފްސްޓައިލް އާއި އޭނާގެ މާލީ ތަނަވަސްކަމާމެދު ގިނަ ބަޔަކު އަބަދުވެސް ވަރަށް ޝައުގުވެރިކަމާއިއެކު ވާހަކަދައްކައެވެ.
އެގޮތުން އޭނާގެ މި އާދަޔާޚިލާފު ދިރިއުޅުމުގެ ވާހަކަތައް މިވަނީ އަނެއްކާވެސް އާންމުންގެ ސަމާލުކަމަށް އައިސްފައެވެ.
އޮރީގެ އަގުބޮޑު އަތްދަބަސް ކަލެކްޝަންގެ ވާހަކަ އަނެއްކާވެސް ދެކެވެން ފެށިފަ މިވަނީ 'ޚަތްރޯން ކޭ ޚިލާޑީ' ސީޒަން 15 ގައި އޭނާ ބައިވެރިވުމާއި އެކުއެވެ.
އެ ޝޯގެ އެޕިސޯޑެއްގައި އޭނާ ގެންގުޅުނު ނޫކުލައިގެ އާރމީސް ދަބަހެއްގެ އަގު 75 ލައްކަ ރުފީސްއަށް އަރާއިރު، މިއީ އެ ޝޯއިން މޮޅުވާ ފަރާތަކަށް ލިބޭ އިނާމަށްވުރެވެސް ބޮޑު އަދަދެއްކަމަށް ބުނެ ޝޯގެ ހޯސްޓް ރޯހިތު ޝެޓީ އަދި ބައިވެރިން ވަނީ ޖޯކު ޖަހާފައެވެ. މީގެ އިތުރުންވެސް 22 ލައްކަ ރުފިޔާގެ އަގުހުރި ފިޔާތޮށި ކުލައިގެ އާރމީސް މިނީ ކެލީ ދަބަހެއްވެސް އޭނާ ވަނީ ގެންގުޅެފައެވެ. މި ނޫނަސް ކޮންމެ އެޕިސޯޑެއްގައިވެސް އޭނާ ފެނިގެންދަނީ މަޝްހޫރު ބްރޭންޑްތަކުގެ އަގުބޮޑަތި ދަބަހާއި ހެދުމުގައިއެވެ.
ފަރާ ޚާން އާއެކު އޮރީ އޭނާގެ މުމްބާއީ ގޭގެ ޓުއަރއެއް ދިންއިރު، މުޅި އެ އިމާރާތަކީ އޮރީގެ އާއިލާގެ އަމިއްލަ ތަނެއްކަން އޭނާ ވަނީ ހާމަވެފައެވެ. މާބްލް ތަޅުމާއި، ޑިޒައިނަރ ފަރުނީޗަރުގެ އިތުރުން ޑިޒައިނަރ ހެދުންތަކާއި ބޫޓާއި ދަބަސްތަކުން ފުރިފައިވާ ބޮޑު ކްލޮޒެޓެއް ވެސް އޮރީ ވަނީ ދައްކާލާފައިއެވެ..
ދުއްވުމަށްވެސް އޮރީ ގެންގުޅެނީ އެތައް ކްރޯޑު ރުފީސްއެއްގެ އަގުހުރި މާސިޑީޒް ބެންޒް ޖީ-ވެގަން އަދި މޭބެކް ޖީއެލްއެސް 600 ފަދަ ލަގްޒަރީ ކާރުތަކެވެ.
އޮރީގެ ރަސްމީ މާލީ ހިސާބުތައް އާންމުކޮށްފައި ނުވި ނަމަވެސް، ރިޕޯޓުތައް ބުނާގޮތުން އޭނާގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 10 ކްރޯޑު ރުފީސް އަށް ވުރެ ބޮޑު އަދަދެއް ހުންނާނެއެވެ.
އޮރީ އިތުރަށް ބުނެފައިވާ ގޮތުގައި ހަފްލާތަކަށް ގޮސް ފޮޓޯއަށް ހުއްޓިލުމަށް އެކަނިވެސް އޭނާ 25 ލައްކަ ރުފިޔާ ޗާޖުކުރެއެވެ. އަދި އޭނާގެ މަޝްހޫރު ޚާއްސަ ޕޯޒް އަށް 20 ލައްކަ ރުފިޔާ ނަގައެވެ.

.jpeg?w=3840&q=75)


