



.jpeg?w=3840&q=75)




އަލިފާނުގެ ހާދިސާ
މާލޭގެ އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގި ޗިޓާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައިބުނީ، 12 ޑިސެމްބަރު 2024 ގައި ހިނގި އެ ހާދިސާގެ ތަހުގީގުން ދައްކާ ގޮތުގައި އަލިފާން ރޯވެފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ނަމަވެސް، 05 ސެޕްޓެންބަރު 2026 ގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅެއްގައި އެ އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި އަދި އެކަމުގެ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވަނީ ބުނެފައެވެ. ފުލުހުން ބުނީ ރައީސް ޔާމީން މިފަދައިން ވިދާޅުވުމާ ގުޅިގެން، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހުރުމުން އެކަން ސާފުކުރުމަށް އެމަނިކުފާނު ފުލުހަށް ހާޒިރުވުމަށް ޗިޓު ހަވާލުކުރަން މަސައްކަތްކުރި ކަމަށެވެ.
އެގޮތުން 07 ސެޕްޓެންބަރު 2026 ވީ ދުވަހުގެ އިރުއޮއްސި 18:40 އެހައިކަންހާއިރު ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރަން އުޅުމުން އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އަދި އޭގެ ބަދަލުގައި އެމަނިކުފާނު ލިޔުމުން ދެއްވި ޖަވާބުގައި، މި މައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެހެންކަމުން ފުލުހަށް ހާޒިރުވެވަޑައިގަތުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާ މުއައްސަސާތަކާމެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ފަދަ ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ތަހުގީގުތަކަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ހުރިހާ ފަރާތްތަކަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.




.jpeg?w=3840&q=75)



