.jpg?w=3840&q=75)




%20(2).jpeg?w=3840&q=75)



-
ރާއްޖޭގެ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު "އީފާސް" އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ދ. ކުޑަހުވަދޫގައި ފަށައިފިއެވެ.
ކުޑަހުވަދޫ މަލްޓި ޕާޕަސް ބިލްޑިންގގެ ލައިބްރަރީ ހޯލުގައި މިއަދު ފެށި މި ޕްރޮގްރާމަކީ ކުޑަހުވަދޫ ކައުންސިލާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން" (ޑީމެޑް) ޕްރޮޖެކްޓާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދު ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފ. އަތޮޅާއި ދ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ޓެކްނިކަލް މުވައްޒަފުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ކުޑަހުވަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި، އޮންލައިން ޚިދުމަތް ދިނުމަށް އީފާސް ބޭނުންކުރާ ވިޔަފާރިތަކާއި ޖަމްޢިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، އީފާސް ބޭނުންކުރާ ފަރާތްތަކަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށްދިނުމަށްޓަކައި ކުޑަހުވަދޫ ބަނދަރު ސަރަޙައްދުގައި ހުންނަ މެހެމާން ސަރާގައި ވަނީ އީފާސްގެ މޯބައިލް ހެލްޕްޑެސްކެއް ޤާއިމުކޮށްފައެވެ. މި ހެލްޕްޑެސްކް މެދުވެރިކޮށް އީފާސް އެކައުންޓް ލޮކްވުމާއި، ފޯނު ނަންބަރު ނުވަތަ އީމެއިލް ބަދަލުވުން ފަދަ އާންމު މައްސަލަތައް އެކައުންޓުގެ ވެރިފަރާތް ކަށަވަރުކުރުމަށްފަހު ވަގުތުން ހައްލުކޮށްދިނުމުގެ ޚިދުމަތް މިއަދު ހަވީރު 4:00 އިން ފެށިގެން މިރޭ 9:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
އީފާސްއަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާ ގުޅިފައިވާ ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކަމަށްވާއިރު، މިއީ ސަރުކާރުގެ މުއައްސަސާތަކާއި، ޓާޝަރީ ހޮސްޕިޓަލްތަކާއި، އާސަންދަ، ޕެންޝަން އަދި ބޭންކިންގ ފަދަ މާލީ ޚިދުމަތްތައް އޮންލައިންކޮށް ރައްކާތެރިކަމާއެކު ހޯދުމަށް ބޭނުންކުރާ މައިގަނޑު ނިޒާމެވެ.
ޑީމެޑް ޕްރޮޖެކްޓާއި އެމްޑީއެސް ގުޅިގެން "އަތޮޅު ދަތުރު" ގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާ ހަރަކާތުގެ ފުރަތަމަ ބުރު ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ސިޓީގައެވެ. އެ ބައްދަލުވުމުގައި އެ އަތޮޅުގެ 20 މުއައްސަސާއަކުން 44 ފަރާތެއް ވަނީ ބައިވެރިވެފައެވެ.
.jpg?w=3840&q=75)







