
އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ފެށުމުގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
42 ގައުމެއްގެ 220 މީޑިއާއެކު އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ފަށައިފި އެވެ.
މިއީ ޗައިނާގެ ސީޕީސީ ކެންޓްރްލް ކޮމިޓީއާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވާމަންޓް ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޗައިނާގެ ޝެންޖެންގައި ބާއްވާފައިވާއިރު، ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތައް ޗައިނާގެ 3 ސިޓީއެއްގައި މިމަހުގެ 3 އިން 4 އަކަށް ގެންގޮސްފައިވެ އެވެ.
މި ރަސްމިއްޔާތުގައި އޭޝިއާ ގައުމުތަކުގެ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ހާއްސަ ޔުނިވާސިޓީތަކާއި، ސަރުކާރުތަކުގެ މުވައްސަސާތަކާއި، އދ. ގެ އެޖެންސީތައް އަދި ބައިނަލްއަގުވާމީ ޖަމިއްޔާތައް ތަމްސީލުކުރާ ފަރާތްތައް ވާހަކަދައްކާފައިވެ އެވެ.
މި ފޯރަމްގައި 2 ޕެނަލް ޑިސްކަޝަނެއް ކުރިއަށްގެންގޮސްފައިވާއިރު، ފުރަތަމަ ޕެނަލް ޑިސްކަޝަންގެ މަޢުޟޫއަކީ "އެކި މުޖްތަމަޢުތަކުގެ ވާހަކަތަކުން އުނގެނުން" މި އެވެ. އަދި 2 ވަނަ ޕެނަލް ޑިސްކަޝަންގެ މަޢުޟޫއަކީ ޤައުމުތަކުގެ ސިނާއީ ބަދަހިކަމާ ގުޅޭ ތަޖުރިބާތަކާއި ގުޅޭގޮތުންނެވެ.
މި ޕެނަލްގެ ފުރަތަމަ ޑިސްކަޝަންގެ މަޢުޟޫގައި ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ވިދާޅުވީ ތަރައްޤީވެފައިވާ ބޮޑެތި ގައުމުތަކުގެ ހަބަރުތައް ގެނެސްދޭގޮތަށް ކުދި ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުން ހޯދާ ކާމިޔާބީތަކާއި އެ ގައުމުތަކުން ރަނގަޅަށް ކުރާ ކަންތައްތަކުގެ ހަބަރުތައް ގެނެސްދިނުމުގެ މުހިންމުކަމަށެވެ.
މި އަހަރުގެ ސަމިޓްގައި ބައިނަލްއަޤްވާމީ މީޑިއާ ކުންފުނިތަކާއި މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، މުއައްސަސާތަކާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާތައް ހިމެނޭހެން 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.











