








މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އުފަންވީ ކުދިންގެ އަދަދު މަދުކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން ނެރޭ "ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އުފަންވެފައިވަނީ 2538 ކުދިންނެވެ.
ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކް ރިޕޯޓަކީ ރާއްޖޭގެ ވިހާ މަރުވުމާގުޅޭ ތަފާސްހިސާބުތައް ކޮންމެ 3 މަހަކުން އަދާހަމަކޮށް އާންމުކުރަމުންދާ މި ރިޕޯޓު ދައްކާ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު 2806 ކުދިން އުފަންވެފައިވެއެވެ. އެހެންނަމަވެސް މިއަހަރުގެ އެ މުއްދަތުގައި އުފަންވީ 2538 ކުދިންނެވެ. މިއީ ނިސްބަތުން %9.5 ނުވަތަ 268 ކުދިންގެ ފަރަޤެކެވެ.
މި ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ 6 މަސް ދުވަހު އެންމެ ގިނައިން އުފަންވީ ފިރިހެން ކުދިންނެވެ. އެގޮތުން 2025 ވަނަ އަހަރު 1407 ފިރިހެން ކުއްޖަކު އުފަންވެފައިވާއިރު، މިއަހަރުގެ މިމުއްދަތުގައި އުފަންވީ 1309 ފިރިހެން ކުއްޖެކެވެ. މިދިޔަ އަހަރު ޖަނަވަރީން ޖޫން މަހުގެ ނިޔަލަށް އުފަންވީ 1399 އަންހެން ކުދިންނެވެ. މިއަހަރުގެ އެ މުއްދަތުގައި އުފަންވެފައިވަނީ 1229 އަންހެން ކުދިންނެވެ.
ކުއަރޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުން ހާމަވާގޮތުގައި އެންމެ ގިނަ ކުދިން މިމުއްދަތުގައި ވިހާފައިވަނީ މާލެ ސަރަޙައްދަށެވެ. އެގޮތުން %70 މާލެ ސަރަހައްދުގައި އުފަންވިއިރު، %30 ކުދިން އުފަންވީ އަތޮޅުތަކަށެވެ. މިއަހަރާއި މިދިޔަ އަހަރުވެސް، ނިސްބަތުން މިއަދަދު ހުރީ ދާދި އެއްވަރެއްގައި ހިފަހެއްޓިފައެވެ.




