
.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)




-
މާސްޓަރ ޑެންޓަލް ކެއަރ އިން ފެށި އިންޓަރންޝިޕް ޕްރޮގްރާމަކީ ހަމައެކަނި މަސައްކަތުގެ މާހައުލުގެ ތަޖުރިބާ ދިނުމަށް ފެށި ޕްރޮގްރާމެއް ނޫން ކަމަށާއި، އޭގެ މައިގަނޑު މަޤްޞަދަކީ ހުނަރުވެރި، އިތުބާރާއި ޕްރޮފެޝަނަލިޒަމް އަށަގަނެފައިވާ ޤާބިލު ޖީލެއް ބިނާކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި މާސްޓަރ ޑެންޓަލް ކެއަރގެ ފުރަތަމަ އިންޓަރންޝިޕް ދަސްވެނިވުމާއި ފުރަތަމަ ޤުރުއާން އަދި މަދަޙަ މުބާރާތުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޙްމަދު ސަލީމް ވިދާޅުވީ، މިއީ އެ ކުންފުނީގެ ޙަޔާތުގައި ފާހަގަކޮށްލެވޭ ވަރަށް މުހިންމު ތާރީޚީ ރެއެއް ކަމަށެވެ. އެގޮތުން، މި ރަސްމިއްޔާތުން ފެނިގެންދަނީ އުނގެނުމާއި ޕްރޮފެޝަނަލް ކުރިއެރުމުގެ އިތުރުން، އީމާންތެރިކަމާއި އިސްލާމީ ރިވެތި ސަޤާފަތާއި އަޚްލާޤު އެއްތަންވެގެން ދިޔަ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން އަލްފާޟިލާ ޢާއިޝަތު މަލާ ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ދަސްވެނިވި ދަރިވަރުންނާ މުޚާތަބުކުރައްވައި ޑރ. ސަލީމް ވިދާޅުވީ، ޞިއްޙީ ދާއިރާއަކީ ދަސްކުރުމަށް ދުވަހަކުވެސް ނިމުމެއް އަންނާނެ ދާއިރާއެއް ނޫން ކަމަށެވެ. އެހެންކަމުން، އަބަދުވެސް އައު މަޢުލޫމާތާއި ޓެކްނޮލޮޖީއަށް ލޯހުޅުވިފައިވާ ބަޔަކަށް ވުމަށް އެދިވަޑައިގަންނަވަމުން، ޢިލްމާއި ހުނަރުގެ އިތުރުން އޯގާތެރިކަމާއި، ޒިންމާދާރުކަމާއި، އިޚްލާޞްތެރިކަން އަދި އެކުވެރިކަން އިސްކުރުމަށް އެމަނިކުފާނު ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
"ޞިއްޙީ ދާއިރާގައި އަޅުގަނޑުމެން މި ޚިދުމަތް ކުރަނީ ހަމައެކަނި ބަލިމީހުންނަކަށް ނޫން. އަޅުގަނޑުމެން މި ޚިދުމަތް ކުރަނީ އަޅުގަނޑުމެންނަށް އިތުބާރުކޮށްފައިވާ އިންސާނުންނަށް. އެ އިތުބާރަކީ އަބަދުވެސް އެންމެ މަތީ ދަރަޖައިގައި އަގުވަޒަންކުރަންޖެހޭނެ އެއްޗެއް،" ޑރ. ސަލީމް ވިދާޅުވިއެވެ.
މީގެއިތުރުން، މުވައްޒަފުންނަށް ކުރާ އިންވެސްޓަކީ އެންމެ ފަހުން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ އިންވެސްޓެއް ކަމަށާއި، މާސްޓަރ ޑެންޓަލް ކެއަރގެ މައިގަނޑު އަމާޒަކީ މުވައްޒަފުންނަށް އުނގެނި ކުރިއަރައިދެވޭނެ ފަހި މާހައުލެއް ޤާއިމުކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މާސްޓަރ ޑެންޓަލް ކެއަރއިން މަޢުލޫމާތު ދޭގޮތުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހު ފެށި މި އިންޓަރންޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ ޞިއްޙީ މާހައުލަށް އަހުލުވެރި، ތަމްރީނު ލިބިފައިވާ ޑެންޓަލް އެސިސްޓެންޓުންނާއި ލެބް އެސިސްޓެންޓުން ފަދަ ފަންނީ ދިވެހި ޒުވާނުން ބިނާކުރުމަށް ޚާއްޞަ ޓްރެއިނިންގ ޑިޕާޓްމަންޓެއް ޤާއިމުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ. މާހައުލީ އެލަވަންސަކާއެކު ހިންގާ މި ތަމްރީނުގައި 40 ނުވަތަ 60 ގަޑިއިރުގެ ތިއަރީ ބަޔާއި 8 ހަފްތާގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދެއެވެ. މިހާތަނަށް ހިންގި 7 ބެޗުގައި 59 ދަރިވަރުން ބައިވެރިވެފައިވާއިރު، މި ފަހަރު 10 ބައިވެރިއަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި އޭގެ ތެރެއިން %50 އަށްވުރެ ގިނަ ކުދިން އެ ކްލިނިކްގެ ދާއިމީ ވަޒީފާތަކުގައި މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
2011 ވަނަ އަހަރު އެންމެ 6 މުވައްޒަފުންނާއެކު ޚިދުމަތް ފެށި މާސްޓަރ ޑެންޓަލް ކެއަރއަކީ ޑެންޓް ކެއަރ މޯލްޑިވްސްގެ ދަށުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަތުގެ ފަރުވާ ދެމުން އަންނަ އެއް މުއައްސަސާއެވެ. މިއަދު އެ ކުންފުނީގެ ދަށުން 4 ކްލިނިކާއި، ޒަމާނީ ޑެންޓަލް ލެބޯޓްރީއެއް ހިންގަމުން އަންނައިރު، ކުންފުނީގެ ކުރިމަގުގެ އަމާޒަކީ މި އިންޓަރންޝިޕް ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގައި ހިމެނޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ބަލައިގަންނަ ލައިސެންސް ލިބޭ ފަދަ ޕްރޮފެޝަނަލް ސަޓިފައިޑް ކޯހަކަށް މި ތަމްރީނު ބަދަލުކުރުމެވެ.

.jpeg?w=3840&q=75)
%20(1)%20(1)%20(2).jpeg?w=3840&q=75)

.jpeg?w=3840&q=75)


.jpg?w=3840&q=75)
