








ފުލުހުންގެ މައި މަރުކަޒު, ޝަހީދު ހުސެއިން އާދަމް ބިލްޑިންގް :- ގާފު ފޮޓޯ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދިއްޖެ އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ބޭރުފައިސާ މާރުކުރާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް ޓާސްކްފޯސްއެއެއް އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ މައުލޫމާތު ފުލުހުންގެ ޓާސްކްފޯސްއާ ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މިފަދަ ފަރާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަންބަރު 9388733 އަށް މެސެޖުކުރެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ. މި ނަންބަރަށް އެސްއެމްއެސްގެ އިތުރުން ވައިބަރ، ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެއްވޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މި ނަންބަރަށް މެސެޖުކޮށް މައުލޫމާތު ހިއްސާކުރައްވާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މިގޮތަށް މައުލޫމާތު ދެއްވާ ފަރާތްތަކުން، މައްސަލައިގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެކަމުގައި ވެސް ބުނެފައިވެއެވެ.
ރާއްޖެގައި ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދިޔުމާއެކު، އެކަން ކޮންޓްރޯލްކުރުމަށް އެމްއޭއިން ވަނީ ސަރުކާރާއި ގުޅިގެން ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ލައިސަންސް ނެތި ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ނެޓްވޯކްތައް ހޯދައި ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން މިހާރު ވަނީ ފަށާފައެވެ.






.png?w=3840&q=75)

