


.jpg?w=3840&q=75)





އަންހެނުންނަށް އާންމު ތަންތަނުގައި ކުރިމަތިވާ ފުރައްސާރައާއި ފާރަލުމަކީ މުޖުތަމައުގައި ކަންބޮޑުވާންޖެހޭ މިންވަރަށް އިތުރުވަމުން އަންނަ ނުރައްކާތެރި މައްސަލައެކެވެ. މިފަދަ ކަންކަމަކީ ކޮންމެ މީހެއްގެ ވެސް ޒާތީ މިނިވަންކަމާއި ރައްކާތެރިކަން ގެއްލިގެންދާ ފަދަ ނާތަހުޒީބު އަމަލުތަކެކެވެ. މިފަދަ ހާދިސާތަކުގައި ހިމޭނުން ނުތިބެ، އެކަމާ ދެކޮޅަށް އަޑުއުފުލުމަކީ މުޖުތަމައު އިސްލާހުކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެކެވެ.
މި މައްސަލައަށް އަނެއްކާވެސް އާންމުންގެ ސަމާލުކަން ލިބިގެންދިޔައީ މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރު އަދި ފިޓްނަސް އިންސްޓްރަކްޓަރު ފާތިމަތު ނަވާއަށް ތިން މަސްދުވަސް ވަންދެން ފާރަލައި ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ނަވާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓުގައި ހިއްސާކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން ފެންނަނީ ސިނަމާލެ ބުރިޖުގެ ހިނގާ ސަރަހައްދުން މީހަކު އޭނާގެ ފަހަތުން އުޅެނިކޮށް ހުއްޓުވައި، ފާރަލައި ފަހަތުން ހިނގަނީ ކީއްވެތޯ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރެ ސުވާލުކުރާ މަންޒަރެވެ. އަދި ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެމީހާ އޭނާ ފަހަތުން ދިޔަ އެކި ތަންތަނުގެ ތަފްސީލުތައްވެސް ނަވާ ވަނީ އެމީހާއަށް ކިޔައިދީފައެވެ.
މި ހާދިސާއާ ގުޅިގެން ނަވާ ބުނެފައިވަނީ، އެ މީހާއާ ކުރިމަތިލާން ޖެހުނީ ލިބެމުންދިޔަ ފުރައްސާރައަށް އިތުރަށް ކެތްނުކުރެވިގެން ކަމަށެވެ. އެގޮތުން ފުލުހުންގެ 119 އަށް ގުޅައި އެކަން ރިޕޯޓުކުރަން މަސައްކަތްކުރުމުން ފުލުހުން އެދިފައިވަނީ ޕޮލިސް ސްޓޭޝަނަށް ދިޔުމަށެވެ. ނަވާ ހިއްސާކުރި ވީޑިއޯއިން ފެންނަ ގޮތުގައި، ހެނދުނުގެ ވަގުތެއްގައި އޭނާ ވަނީ ހެންވޭރު ޕޮލިހަށް ގޮސް އެ މައްސަލަ ރަސްމީކޮށް ހުށަހަޅާފައެވެ. އަދި މިހާރު ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.
ޒުވާން ނަވާގެ މި ވީޑިއޯ ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، އޭނާ ދެއްކި ސާބިތުކަމަށާއި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. މަގުމަތިން މިފަދައިން ފޮށި، ބިރުދައްކައި ފުރައްސާރަކުރާ ނަމަ، އެކަމާ ދެކޮޅަށް ނުކުމެ ތެދުވާން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މިފަދަ ނުރައްކާތެރި އަމަލުތައް މުޖުތަމައުގައި ހުއްޓުވޭނީ ހަނުނުތިބެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށް، ގާނޫނީ ފިޔަވަޅު އަޅައިގެން ކަމަށްވެސް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ހަގީގަތުގައިވެސް މަގުމަތީގެ ރައްކާތެރިކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުވާންޖެހޭ އަސާސީ ހައްގެކެވެ. މިފަދަ ފުރައްސާރަތަކާ ކުރިމަތިލާންޖެހޭ ހިނދު، ނަވާ ދެއްކި ފަދަ ހިތްވަރެއް ދައްކައި، މައްސަލަތައް ރިޕޯޓުކުރުމަކީ އެހެން ފަރާތްތަކަށްވެސް ލިބިގެންދާނެ ބޮޑު ހިތްވަރެކެވެ. މުޖުތަމައުއަކީ އަމާން، އޮމާން ތަނަކަށް ހެދޭނީ އެންމެން ގުޅިގެން މިފަދަ ނޭދެވޭ ކަންކަމާ ދެކޮޅަށް އަޑުއުފުލައިގެންނެވެ.



.jpg?w=3840&q=75)
