






.jpg?w=3840&q=75)

-
އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބޭއްވި ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތުގެ ފައިނަލް ބަޙުސް ބާއްވައިފިއެވެ.
މި ފައިނަލް ބަޙުސް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތް ބޭއްވި ކިންގ ސަލްމާން މިސްކިތުގެ ހޯލުގައި، އޮގަސްޓު 29 ވީ ހޮނިހިރު ދުވަހުއެވެ.
ޤައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގެ ދަށު ސާނަވީ ދަރިވަރުންގެ އަރުތަ ބުރުގެ ވާހަކަދެއްކުން އަޑުއައްސަވައިލެއްވުމަށާއި، ފައިނަލް ބަޙުސް ބައްލަވާލެއްވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މުބާރާތުގެ ފައިނަލް ބަޙުސްގައި ވާދަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އެވެ. މި ބަޙުސްގެ މައުޟޫއަކީ "ޤައުމިއްޔަތު ދިރުވުމުގައި އެންމެ މުހިންމު މަސައްކަތެއް ކުރެވޭނީ މީޑިއާ މެދުވެރިކޮށެވެ." މިއެވެ. މި މައުޟޫއަށް ތާއީދުކޮށް އެއްކޮޅަށް ބަޙުސްކުރީ ބީސީސީންނެވެ. އަދި މައުޟޫއާ ދެކޮޅަށް ބަޙުސްކުރީ އެމްއެންޔޫއެސްޔޫގެ ޓީމުންނެވެ.
ވާހަކަދެއްކުމުގެ ބަޔާއި ބަޙުސްގެ ބައި ހިމެނޭހެން ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ވަނަތަކާއި ނަތީޖާ ފަހުން އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.








