







-
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދަތުރު މިއަދު މި ހިސާބަށް އައިއިރު، އެއީ އަސްކަރީ އޮނިގަނޑެއްގެ ތެރެއިން ނުކުމެ ޒަމާނީ މަދަނީ މުއައްސަސާއަކަށް ބަދަލުވުމަށް އެތައް ޤުރުބާނީއެއް ވެފައިވާ ދިގު ތާރީޚެކެވެ.
ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު މި ޚިދުމަތުގެ އަގުވަޒަންކުރާއިރު، މިއީ ހަމައެކަނި ފާއިތުވި އަހަރުތަކުގެ ހަނދާންތައް އާކުރުން ނޫނެވެ؛ މިއީ މުޖުތަމައުގެ އަމަންއަމާންކަން ބެލެހެއްޓުމަށްޓަކައި މުޅި ނިޒާމު ބަދަލުކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދޭ މުއައްސަސާއަކަށް ވުމަށް ފުލުހުން ކަޑައްތުކުރި ބުރަ މަސައްކަތާއި ހަރުފަތްތަކާމެދު ފުންކޮށް ވިސްނާލަންޖެހޭ މުހިންމު މުނާސަބަތެކެވެ.
ދިވެހިރާއްޖޭގައި ރަސްމީ ސިފައެއްގައި ފުލުހުންގެ ޚިދުމަތް ފެށިގެން ދިޔައީ 1933 މާރިޗު 29 ގައި، އޭރުގެ ރަދުން އައްސުލްތާން މުޙައްމަދު ޝަމްސުއްދީން ތިނެއް "ފުލުހު މީހުންގެ ޤާނޫނު" ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ. އެންމެ ފުރަތަމަ އުފެއްދެވި ފުލުހުންގެ ފޯސްގައި ހިމެނުނީ އެންމެ 120 މީހުންނެވެ. އެހެންނަމަވެސް، 1933 އޯގަސްޓު 15 ގެ ފަހުން ފެށިގެން އެތައް ޒަމާނެއް ވަންދެން ފުލުހުންނާއި ސިފައިން މަސައްކަތްކުރަމުން އައީ އެއް ބައެއްގެ ގޮތުގައެވެ. ސިފައިންނާއި ފުލުހުން ޚިދުމަތް ދެމުން ގެންދިޔައީ އެއް ފުރާޅެއްގެ ދަށުގައި، އެއް ޔުނީފޯމެއް ލައިގެންނެވެ.
ޒަމާން ބަދަލުވަމުންދިޔަ ވަރަކަށް، ޤައުމެއްގެ ދިފާއީ ބާރާއި މުޖުތަމައުގެ އަމަންއަމާންކަން ބަލަހައްޓާ ފުލުހުންނަކީ މުޅިން ތަފާތު ދެ މަސްއޫލިއްޔަތެއް އަދާކުރަންޖެހޭ ދެ ބައެއްކަން ސަރުކާރަށް ވިސްނެން ފެށިއެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް ދިފާއީ އަސްކަރީ ފައުޖެއް އޮންނަ ފަދައިން، މުޖުތަމައުގެ އަމަނަށްޓަކައި ވަކިން މަދަނީ ޚިދުމަތެއް އޮންނަންޖެހޭކަމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤައްޔޫމަށް ޤަބޫލުފުޅުކުރެއްވުނެވެ.
މި ވިސްނުންފުޅުގެ މައްޗަށް ބިނާކޮށް، 2004 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް އިއްވެވި ރިޔާސީ ބަޔާނުގައި ފުލުހުންނަކީ ވަކި މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަން ރަސްމީކޮށް އޭރުގެ ރައީސް މައުމޫން އިއުލާންކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާ ވަކި މަދަނީ ޚިދުމަތަކަށް ބަދަލުކުރުމަކީ ހަމައެކަނި ނަމަކަށް ނުވަތަ ކަރުދާހަކަށް ގެނެވުނު ބަދަލެއް ނޫނެވެ. އެއީ ޒަމާނީ ފުލުހުންގެ ތަސައްވުރާ އެއްގޮތަށް މުޅި މުއައްސަސާ ސުމަކުން ފަށައިގެން އާރާސްތުކުރުމެވެ. މި ބިޔަ މަސައްކަތް ފުރިހަމަކުރުމަށް ފުލުހުންނަށް ލިބިފައި އޮތީ އެންމެ 6 މަސްދުވަހުގެ ކުރު މުއްދަތެކެވެ.
މި މަސައްކަތް ވިލަރެސްކުރުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އާދަމް ޒާހިރު އެކުލަވާލެއްވި ޚާއްސަ 'ޗޭންޖް މެނޭޖްމަންޓް ކޮމިޓީ' ގެ ޗެއަރމަނަކަށް ހަމަޖެއްސެވީ އިބްރާހިމް ލަތީފެވެ. 2004 މާރިޗު 8 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މި ކޮމިޓީގެ މަސައްކަތްތައް ފެށުނެވެ. ލިބިފައިވާ ކުރު މުއްދަތުގެ ސަބަބުން، ކޮމެޓީގައި ހިމެނުނު އޮފިސަރުން ވަނީ އެ 6 މަސް ދުވަހުގެ ތެރޭގައި އެވްރެޖް ގޮތެއްގައި ދުވާލަކު 17 ގަޑިއިރު މަސައްކަތްކޮށްފައެވެ.
މި ބަދަލު ގެނައުމުގައި ބޭރުގެ މާހިރުންގެ އިރުޝާދުގެ އިތުރުން، ރާއްޖޭގެ ތާރީހީ މާހިރުންނާއި، އަދަބިއްޔާތުގެ ބޭފުޅުންނާއި، ޤާނޫނީ ވަކީލުންނާއި، ދީނީ އިލްމުވެރިން އަދި ޑިޒައިނަރުންގެ ލަފަޔާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދިއެވެ. މި ދިރާސާތަކުން އެންމެ ބޮޑަށް ފާހަގަވީ، 1933 ގައި ފުލުހުންގެ ފޯސް އުފެދުނު ފަހުން 71 އަހަރު ވެފައިވީނަމަވެސް، ފުލުހުންގެ ޚާއްސަ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ ތަމްރީނު އެކަށީގެންވާ ގޮތެއްގައި ދެވިފައިނެތް ކަމެވެ. އެހެންކަމުން، ރާއްޖޭގައި މަރުކަޒުތައް ޤާއިމުކޮށް އަސާސީ ތަމްރީނުން ފެށިގެން ސްޕެޝަލައިޒް ތަމްރީނުތަކާ ހަމައަށް ފުލުހުންނަށް އުނގަންނައިދިނުމަކީ އައު މުއައްސަސާގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދިޔައެވެ.
2004 ސެޕްޓެމްބަރު 1 ވަނަ ދުވަހު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އޭރުގެ ރައީސް މައުމޫން ވަނީ ފުލުހުންގެ ޚިދުމަތް ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. އެ ދުވަހުން ފެށިގެން މުއައްސަސާގެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.
ކުރިން މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުން އައި ޚިދުމަތް، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން ހިނގާ ޔުނީފޯމް އެޅި ސިވިލް ބޮޑީއަކަށް ބަދަލުވެގެންދިޔައެވެ.
މި ތާރީހީ ރަސްމިއްޔާތުގައި ފުލުހުންގެ މައި މަރުކަޒުގައި ފުލުހުންގެ އައު ދިދަ ނަގައި، ޚާއްސަ ޔުނީފޯމެއް ތައާރަފުކުރެވުނެވެ. އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްގެ ލަފާފުޅާއެކު މި ޔުނީފޯމް ފަރުމާކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އިބްރާހިމް ލަތީފް އަދި އަޙުމަދު ޝިޔާމެވެ.
އައު ޔުނީފޯމާއި، އުޅަނދުތަކާއި، ދިދައާއެކު ފުލުހުންގެ ޚިދުމަތަށް އައި ބަދަލު އާންމުންގެ ލޮލަށް ފެންނަން ފެށުމަކީ ހަމައެކަނި ކުލައަށް ނުވަތަ ނަމަށް އައި ބަދަލެއް ނޫނެވެ.
އެއީ އަސްކަރީ ވިސްނުމުން މަދަނީ ޚިދުމަތެއްގެ ފަލްސަފާއަށް މުޅި މުއައްސަސާ ފުރޮޅިގެންދިޔުމުގެ އެންމެ ފުރިހަމަ ރަމްޒެވެ.




