







-
ދ. ކުރިނބީގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި އައު ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފި އެވެ.
ފެނަކަ ކޯޕަރޭޝަނުން އިއްޔެ ބުނީ ކުރިނބީގެ ކަރަންޓު ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި 250 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
އެގޮތުން މި އައު ޖެންސެޓް އެ ރަށަށް ގެންގޮސް އިންސްޓޯލްކުރުމާއެކު، ކުރިނބީގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 750 ކިލޯވޮޓަށް އިތުރުވެގެންދާނެކަން އެކުންފުނީން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން އެ ރަށުގައި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަންވެސް ފެނަކައިން ފާހަގަކުރެއެވެ.
މިއީ ރަށްރަށުގެ އިންޖީނުގެތަކުގެ ހާލަތު ރަނގަޅުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ފެނަކައިން ކުރިޔަށްގެންދާ މުހިންމު މަސައްކަތެކެވެ.







