





.png?w=3840&q=75)


ޢާއިލާ ބިނާކުރުމުގައި މާމަ ކާފަގެ ހިއްސާ މުހިންމު
ދިވެހިރާއްޖޭގެ ޑެމޮގްރަފިކް ބަދަލުތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ ބޮޑު ބަދަލަކާ ކުރިމަތިލާންޖެހޭނެއެވެ. މިހާރުގެ އާބާދީގެ 8 އިންސައްތަ (20،500 އަށްވުރެ ގިނަ މީހުން) އުމުރުން ދުވަސްވީ މީހުންގެ ގޮތުގައި ތިބިއިރު، 2030 ވަނަ އަހަރުން ފެށިގެން މުޅި ގައުމުގެ އާބާދީ ދުވަސްވީ މީހުންގެ ނިސްބަތް ގިނަ މުޖުތަމައަކަށް ބަދަލުވާން ފަށާނެއެވެ. އަދި 2050 ވަނަ އަހަރާ ހަމައަށްދާއިރު، އާބާދީގެ 21 އިންސައްތަ ނުވަތަ 1 ލައްކައަށްވުރެ ގިނަ މީހުންނަކީ 65 އަހަރުން މަތީގެ ފަރާތްތަކަށް ވާނެކަމަށް އަންދާޒާކުރެވެއެވެ.
ރާއްޖޭގައި 2020 ވަނަ އަހަރުން ފެށިގެން ސެޕްޓެމްބަރު 1 ވަނަ ދުވަސް މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދަނީ އުމުރުން ދުވަސްވީ މީހުން މުޖުތަމައުން ބާކީވިޔަނުދީ، އެމީހުންގެ ހައްގުތަކާއި ދަރިންގެ ޒިންމާތައް އަދާކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ދަރިން ބޮޑެތިކުރުމުގައި މައިންބަފައިން ވެފައިވާ ގުރުބާނީތަކުގެ އަގުވަޒަންކޮށް، އާއިލީ ވެއްޓެއްގައި އެމީހުންނަށް ރައްކާތެރިކަން ދިނުމަކީ ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި އިޖުތިމާއީ ވާޖިބެކެވެ.
ނަމަވެސް، ރަސްމީ ހިސާބުތަކުން ފެންނަނީ ކަންބޮޑުވާންޖެހޭ މަންޒަރެކެވެ. އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މިދިޔަ އަހަރުގެ ރެކޯޑުތަކަށް ބަލާއިރު، ދުވަސްވީ މީހުންނަށް އަނިޔާކުރުމުގެ 58 މައްސަލައަކާއި، ރައްކާތެރިކަން ހޯދުމަށް އެދި 34 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެއިތުރުން މާލީ ގޮތުން ދަތިކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަމުން މަހުރޫމުކުރުމުގެ އިތުރުން އާއިލީ އަޅާލުން ނުދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ ދުވަސްވީ މީހުން އުޅެމުންދަނީ އެކަނިވެރި ހާލުގައެވެ.
މި ހިތާމަވެރި ހަގީގަތް އެންމެ ބޮޑަށް ހާމަވަނީ ކ. ގުރައިދޫގައި ހުންނަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަރުކަޒުންނެވެ. އެ މަރުކަޒުގައި ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ބޮޑު އިންސައްތައަކީ ދަރިން ތިބެމެ، އަޅާނުލައި ދޫކޮށްލާފައިވާ އުމުރުން ދުވަސްވީ މީހުންނެވެ. މިފަދަ އިހުމާލުތަކަކީ އަޅުގަނޑުމެންގެ އިޖުތިމާއީ ފޭރާން ވީދި ބަލިކަށިވަމުންދާ ކަމުގެ ސާފު ހެއްކެކެވެ.
އެހެންކަމުން، މިއަދު މި ފާހަގަކުރާ ގައުމީ މާމަ ކާފަ ދުވަހާ ގުޅުވައިގެން އެންމެން ގުޅިގެން މަސައްކަތްކުރަންވީ މާޒީގައި ވެވިފައިވާ އިހުމާލުތައް ފަހަނައަޅައި، އުމުރުން ދުވަސްވީ މައިންބަފައިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަށެވެ. އެމީހުންގެ ޒަރޫރީ އަދި މާލީ ބޭނުންތައް ފުއްދައިދީ، އާއިލާގެ ތެރޭގައި އެމީހުންނާއެކު ވަގުތު ހޭދަކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.




