


.jpeg?w=3840&q=75)





ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލަ މާދަމާއަށް ތާވަލުކޮށްފިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެ މަނިކުފާނުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެކެވެ.
އެ ދުވަހު ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަން ވަޑައިގަންވަނިކޮށް ވަނީ ބޮން ގޮއްވާލާފައެވެ.
މެއި ހައެއްގެ ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންނަކީ:
މީގެ ތެރެއިން މާދަމާއަށް ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައި ވަނީ ޢަލީ ހައިޝަމް އަދި ފަހުމީ ޢަލީގެއެވެ. ކްރިމިނަލް ކޯޓުގައި ހައިޝަމްގެ އަޑުއެހުން މާދަމާގެ 14:00 އަށް ތާވަލުކޮށްފައިވާއިރު ފަހުމީގެ އަޑުއެހުން އޮތީ ހެނދުނު 09:00 ގައެވެ.
ހައިޝަމްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި، ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އެ މައްސަލައާ ގުޅިގެން މީގެ ކުރިން ދައުވާ އުފުލާފައިވާ އިތުރު މީހުންނަކީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރެވެ.
މީގެ ތެރެއިން އަބްދުﷲ އަލީ މަނިކުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވަނީ އިއްވާފައެވެ.
ތަސްލީމަކީ ބޮން ގޮއްވައިލުމުގައި އެންމެ އިސް ދައުރެއް އަދައިކުރި މީހާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ނަމަވެސް ތަސްލީމްގެ މައްޗަށް އުފުލި ދައުވާތައް ސާބިތެއް ނުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ބޮޑެތި ޒަޚަމްތަކެއް ލިބި، ބޭރުން ވެސް ފަރުވާ ހޯއްދެވިއެވެ.
އެގޮތުން ބޮމުގެ ރޭޒާފުއްތައް އެ މަނިކުފާނުގެ ހަށިކޮޅުގެ އެ ތަންމިތަނަށް އެރުމުގެ ސަބަބުން، ވަރަށް ނުރައްކާތެރި ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވަން ޖެހިވަޑައިގަތެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވީއިރު، އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުވިލާތުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
ނަމަވެސް އެ ހަމަލާއަށް މިހާރު ފަސް އަހަރުވެފައި ވާއިރު، އެ މަނިކުފާނަށް އޭރު ފަރުވާދެއްވި ޑޮކްޓަރުން ވިދާޅުވި ގޮތަށް، މިހާރު ހާލު ރަނގަޅުވެފައިވާ ކަމަށް ނަޝީދު މިއަހަރު ވިދާޅުވިއެވެ.



.jpeg?w=3840&q=75)
