
ތައިލެންޑުގެ ވެރިރަށް ބެންކޮކް ގައި ހުންނަ ބެންކޮކްގެ ކްލޯންގް ތޮމް ސެންޓަރުގައި އަލިފާން ރޯވެއްޖެއެވެ.
ދިވެހިންގެ މެދުގައި ވެސް މަގުބޫލު ވިޔަފާރި މަރުކަޒެއް ކަމަށްވާ "ކްލޯންގް ތޮމް ސެންޓަރު" ގައި މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އުޅަނދުފަހަރުގެ ސްޕެއާ ޕާޓްސް، މަސައްކަތު ސާމާނު، އިލެކްޓްރޯނިކްސް ސާމާނު އަދި ބޭނުންކޮށްފައިވާ ތަފާތު އެކި ބާވަތްތަކުގެ ތަކެތި ވިއްކުމަށް މަޝްހޫރު ބޮޑު މާރުކޭޓެއް ކަމުގައިވާ މި މާރުކޭޓުގައި ހިނގި މި ހާދިސާގެ ރިޕޯޓް ރާމާ 199 އެމެޖެންސީ ރޭޑިއޯ ސެންޓަރަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ 8:42 ގައެވެ. ވޮރަޗަކް މަގުގައި ހުންނަ މި މާރުކޭޓަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވޮލަންޓިއަރުންނާއި މީހުން ސަލާމަތްކުރާ ޓީމުތައް ވަގުތުން އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.
ތައިލެންޑުގެ ޚަބަރުތައް ބުނާގޮތުގައި މި ހާދިސާ ހިނގިތާ އެންމެ ތިން މިނެޓުގެ ތެރޭގައި އެ ސަރަހައްދަށް ދިޔައިރު، އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ފިހާރައަކުން އަލިފާން ރޯވެ، ބޯ ދުން އަރަމުންދެއެވެ. އަދި އިމާރާތުގެ އެހެން ފިހާރަތަކަށާއި ބައިތަކަށް އަލިފާން ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން އަވަސް ފިޔަވަޅުތަކެއް އަޅައި ހޮޅިތަކުން ފެންޖަހަން ފެށި ކަމަށް ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ކަމާބެހޭ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ހާދިސާ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ.
ކްލޯންގް ތޮމް ސެންޓަރަކީ އުޅަނދުފަހަރުގެ ސާމާނާއި، އިލެކްޓްރޯނިކްސް އަދި ދުވަސްވީ ތަކެތި ގަންނަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ބެންކޮކްގައި ވަރަށް މަގުބޫލު ތަނެކެވެ. މީގެ އިތުރުން، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭގަނޑު ބާއްވާ "ނައިޓް މާކެޓް" އަކީ ދުވަސްވީ އަގުބޮޑު ތަކެއްޗާއި، ކުޅޭސާމާނު ފަދަ ތަފާތު ތަކެތި ހޯދުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ މަރުކަޒެކެވެ.


.jpeg?w=3840&q=75)




.jpeg?w=3840&q=75)




